ޚަބަރު
ތިލަމާލެ ބްރިޖް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް، މަސައްކަތް ނިންމަން ކޮންޓްރެކްޓަރަށް އައު ތާރީޚެއް ދީފި : ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ތިލަމާލެ ބްރިޖުގެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް، ތަކުރާރުކޮށް ލަސްވަމުންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރުން ދިން ގިނަ ތާރީޚްތަކެއް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތް ނުނިމި ދިގުލައިގެންދާތީ، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކޮށްދިނުމަށް ކޮންޓްރެކްޓަރުގެ ފަރާތުން ތަކުރާރުކޮށް އެދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިންވެސް ތާރީޚް ދިން، އެކަމަކު ދިމަލެއް ނުވި. މިހާރު 2027 އަށް ނިންމަން ކޮންޓްރެކްޓަރު ތާރީޚް ދީފައިވަނީ،
ރައީސް
މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ މި ބްރިޖުގެ މުޅި ދިގުމިނަކީ 6.7 ކިލޯމީޓަރެވެ.
މި މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ކަނޑައެޅީ ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރު އެދިގެން މިހާރު ވަނީ 30 މަސްދުވަހުގެ އިތުރު މުއްދަތެއް ދީފައެވެ. މި އިތުރުކުރި މުއްދަތުގެ ސަބަބުން ކުންފުންޏަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމަށް ލަފާކުރެވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް މުޅި މަޝްރޫޢުގެ %71.60 މަސައްކަތް ވަނީ ނިމިފައެވެ. މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ 1,222 ސެގްމަންޓުގެ ތެރެއިން %84 ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން %54 ސެގްމަންޓް ވަނީ އިންސްޓޯލްކޮށްފައެވެ.
މީގެ އިތުރުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި، ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާއި ކަލްވާރޓްސް ހަރުކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާރުވެސް ދެމުންދާ ކަމަށެވެ.