ދުނިޔެ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު އޮތްކަމަށް ޕުޓިން އިންޒާރުދެއްވައިފި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު އޮތްކަމަށް ޕުޓިން އިންޒާރުދެއްވައިފި

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ނޮވެމްބަރު 2024، 09:13

23 ނޮވެމްބަރު 2024، 09:13

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު އިތުރަށް ނުރައްކާވެ، ބޮޑު ހަނގުރާމައަކާ ދިމާއަށް ދުނިޔެ މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މި އިންޒާރު ދެއްވާފައިވަނީ ރަޝިޔާއިން އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕަރސޮނިކް މިސައިލެއް ބޭނުންކޮށްގެން ޔޫކްރެއިނަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށްފަހުގައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މި ޙަމަލާއަކީ ހުޅަނގަށް ދީފައިވާ ނުރައްކާތެރި އިންޒާރެއް ކަމަށެވެ. އަދި ހުޅަނގުން ފަހަތަށް ނުޖެހިއްޖެނަމަ، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކަށް ރަޝިޔާއިން ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި، އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ) އިން ދަނީ ޔޫކްރެއިނަށް ވާގިވެރިވަމުންނެވެ. އެމެރިކާއިން ޔޫކްރެއިނަށް އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް އެ ހަތިޔާރުތައް ބޭނުން ކުރުން އޮތީ މަނާކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދިފަހުން ވަނީ އެ ކަމުގެ ހުއްދަ ޔޫކްރެއިނަށް ދީފައެވެ.

މި ފުރުޞަތުގެ ބޭނުންކޮށް ޔޫކްރެއިނުން ރަޝިޔާގެ ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަން ފެށުމުން ޕުޓިން ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ، ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުޞަތު އޮތް ކަމަށާއި، ދަތުރު ކުރަމުން ދަނީ އެ މިސްރާބަށް ކަމުގައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނެފައިވަނީ ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކުރަމުންދާ ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކުގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދިނުމަކީ ރަޝިޔާއަށް ލިބިގެންވާ ޙައްޤެއް ކަމުގައެވެ.

ރަޝިޔާއިން ހައިޕަރސޮނިކް މިސައިލެއް ބޭނުންކޮށްގެން ޔޫކްރެއިނަށް ޙަމަލާ ދީފައި މި ވަނީ، ރަޝިޔާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. 


މި އުސޫލުގެ ދަށުން، ނިއުކްލިޔަރ ބާރަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަކީ، އޭގެ ރައްދުގައި ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރެވިދާނެ އަމަލެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

ރަޝިޔާގެ މަޞްދަރަކުން ބުނެފައިވަނީ، ހަނގުރާމައިގެ މަސްރަޙު އިތުރަށް ގޯސްވުމަށް، ނުވަތަ ހުޅަނގާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށުމަށް ޕުޓިން ބޭނުންފުޅު ނުވާ ކަމުގައެވެ. ނަމަވެސް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ ފުރުޞަތު ރަޝިޔާއަށް ލިބިގެންވާ ކަމުގައި ވެސް އެ ޤައުމުގެ މަޞްދަރުން ބުނެފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބީ ހޯއްދެވުމާ ގުޅިގެން، ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާއިން ފޮނުވަމުންދާ ދުރު-ރާސްތާ މިސައިލްތައް ބޭނުން ކުރުމުގެ ހުއްދަ ބައިޑަން ދެއްވާފައިވެއެވެ. ޓްރަމްޕްއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި ޔޫކްރެއިނަށް އެމެރިކާއިން ހަތިޔާރު ފޯރުކު ފޯރުކޮށްދިނުމާ ވެސް ދެކޮޅު ބޭފުޅެކެވެ.

2025 ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު، ފުރަތަމަ ދުވަހުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ޓްރަމްޕްގެ ވެރިކަމުގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާނެ ނުވަތަ މަދު ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.

މި ހާލަތުގައި، ޓްރަމްޕް ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ޔޫކްރެއިނަށް ވީހާވެސް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ބައިޑަންގެ ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމުގެ ސަބަބުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު އޮތް ކަމަށް ބެލެވެއެވެ.
                    


                    

މި ލިޔުން ކިޔާލުމުން