ޚަބަރު
ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ޝަރުޢީ ދާއިރާގެ ކަންކަން އިސްލާހުކޮށް، ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސަރުކާރުން ގެންގުޅުއްވާ އިސްލާހީ އެޖެންޑާގެ ދަށުން ޝަރުޢީ ދާއިރާއަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ޝަރުޢީ ދާއިރާގެ މައްޗަށް އޮތް ސިޔާސީ ނުފޫޒުތައް ނައްތާލައި، ފަނޑިޔާރުގެތަކުގެ ހިންގުން ހަރުދަނާކުރުމެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމާ ގުޅިގެން، ނުސީދާގޮތުން ނަމަވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވެފައިވެއެވެ. އެހެންކަމުން، ކުރިން ޤާނޫނު އޮތްގޮތަށް ބަދަލުތައް ގެނެސް، ޖުޑީޝަލް ކައުންސިލް އަލުން އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ އިސް ފަނޑިޔާރުގެ އިތުރުން ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާނެ ކައުންސިލެކެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ކައުންސިލްގެ ސަބަބުން ޝަރުޢީ ދާއިރާގެ ފަންނީ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލަށް އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ޤާނޫނަށް ގެންައި ބަދަލާއެކު މުޅިން އެއްކޮށް ބާރު ބަދަލުވެ މި އޮންނަނީ ޖޭއެސްސީގެ ދަށަށް،
ރައީސް
މީގެ އިތުރުން، ކޯޓުތަކުގެ އިދާރީ ހިންގުމުގައި އެޑްމިނިސްޓްރޭޓަރުންނަށް އޮންނަ ބާރުތައް ބޮޑުވުމުގެ ސަބަބުން ކޯޓުގެ އަސްލު މަސައްކަތްތަކަށް އަސަރުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށްވުރެ އެޑްމިނިސްޓްރޭޓަރުން ބާރުގަދަވުމަކީ ޖުޑީޝަރީގެ ހިންގުމަށް ހުރަސްއެޅޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާގެ އިސްލާހުތަކުގެ އިތުރުން، ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފޭއްޓުމާއި، މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ވަކި އިންސައްތައެއްގެ ގޮނޑި ޚާއްސަކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ކުރިއަށް އޮތްތަނުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.