ޚަބަރު
މިއަހަރު މެދުތެރޭގައި މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލްގެ މަސައްކަތް ފަށަނީ
ހުޅުމާލެ ފޭސް 1 އަކާއި ފޭސް 2 ގުޅުވައިދޭ ސަރަހައްދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ 500 އެނދުގެ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކަން އިޢުލާން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތަކާއި ފައިސާ ހަމަޖެއްސުމުގެ ކަންކަން މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހޮސްޕިޓަލުން ލިބޭނެ މުހިންމު ޚިދުމަތްތައް
މި ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ އިސްކަމެއް ދީގެން ބިނާކުރާ ތަނެކެވެ. އެގޮތުން ރޭޑިއޭޝަން ޗެމްބަރ ހިމެނޭހެން ކެންސަރަށް ފަރުވާ ދިނުމުގެ ފުރިހަމަ ނިޒާމެއް މިތަނުގައި ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން މާބަނޑު މީހުންނަށް ދޭ ޚިދުމަތްތަކާއި، އައި.ވީ.އެފް (IVF) އަދި އައި.ޔޫ.އައި (IUI) ގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ލިބިގެންދާނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، "މި މަލްޓިސްޕަޝަލިޓީ ހޮސްޕިޓަލުގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި ބެހޭ ޚާއްސަ ޑޮކްޓަރުންގެ ޑިޕާޓްމަންޓުވެސް ހިމެނޭނެ." އަދި ހުޅުމާލެ ފޭސް 1 ގައި ހުރި ހޮސްޕިޓަލުގެ ގޯތިތެރޭގައި އިމާރާތެއް އެޅުމަށް އިންޑިއާގެ އެލް.އޯ.ސީ އަށް ހުށަހަޅާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ ޕްރޮޕޯސަލްތައް މިހާރު ލިބެމުންދާ ކަމަށާއި، ސަރުކާރުގެ މި ދައުރުގެ ތެރޭގައި ހޮސްޕިޓަލް ފެނިގެންދާނެ ކަމަށެވެ. މި ހޮސްޕިޓަލުން ދޭނެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާއާއި، އުރަމަތީގެ ކެންސަރާއި ރަޙިމުގެ ދޮރުގެ ކެންސަރަށް ސްކްރީން ކުރުން ހިމެނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ހިންގަމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގާ ކްލިނިކެއް އެކަންޏެވެ. އެހެންކަމުން، މި އައު ހޮސްޕިޓަލަކީ އެ ސަރަޙައްދުގައި ތަރައްޤީ ކުރެވޭ ފުރަތަމަ ފުރިހަމަ ހޮސްޕިޓަލަށް ވެގެންދާނެއެވެ.