ޚަބަރު
ވޮލެޓެއް ވަގަށް ނެގި މީހަކު ހޯދަން އިޢުލާނު ކޮށްފި
ވޮލެޓެއް ވަގަށް ނެގި ކަމަށް ބުނާ މީހާ
މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން މިއަދު އިޢުލާނު ކޮށްފިއެވެ. ފުލުހުން ވަނީ އެ މީހާ ވޮލެޓު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީސްމީޑިއާގައި އާންމުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައެވެ. ފޫޓޭޖުން ފެންނަ ގޮތުގައި، މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް އެ ސަރަހައްދުން ދިޔަ މީހަކު ވަނީ ނަގައިގެން ގެންގޮސްފައެވެ. ނަމަވެސް، އެއީ ކާކުކަން މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ކުށްކުރާ މީހުންނާއި ކުށުގެ ތުހުމަތުގައި ހޯދަން ބޭނުންވާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.