ދުނިޔެ
އިސްލާމްއާބާދުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާނެކަމަށް ދެކެވޭ ވާހަކަތައް އީރާނުން ދޮގުކޮށްފި
ޕާކިސްތާނުގެ އިސްލާމްއާބާދު
ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އީރާނުގެ ވަފުދެއް ފޮނުވާނެ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ މި މަޝްވަރާތަކުގައި ތެހެރާނުން ބައިވެރިވުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އީރާނުން މިކަން ހާމަކޮށްފައި މިވަނީ، ހޯމްރޫޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެފައިވީ ނަމަވެސް، އިސްލާމްއާބާދުގައި ބާއްވާ މަޝްވަރާތަކުގައި އީރާނުން ބައިވެރިވާނެ ކަމަށް ޕާކިސްތާނުގެ ދެ މަސްދަރަކާ ހަވާލާދީ ތުރުކީގެ އަނަޑޯލޫ އެޖެންސީން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާއާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ބުއްދިވެރި އަދި ޑިޕްލޮމެޓިކް ހުރިހާ މަގަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް، ވޮޝިންޓަނާއެކު މުއާމަލާތް ކުރުމުގައި ސަމާލުވުމާއި އިތުބާރު ނުކުރުމަކީ އިންކާރު ކުރެވެން ނެތް މަޖުބޫރުކަމެއް ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިރްނާ (IRNA) އިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކޮށްފައިވާ ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ. އަދި އީރާނާއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ މަންދޫބުން ހޯމަ ދުވަހު އިސްލާމްއާބާދަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ގައުމުގެ ދެމެދުގައި މައްސަލަ ބޮޑުވެފައިވަނީ ހޯމްރޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަރުގަދަކޮށްފައިވާތީއެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކޮށްފައިވާއިރު، އާދިއްތަ ދުވަހު ވަނީ އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލަން މަސައްކަތްކުރި އުޅަނދެއް އެމެރިކާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ދެ ގައުމުން ވެސް ދަނީ އެކަކު އަނެކަކަށް ތުހުމަތު ކުރަމުންނެވެ. ރައީސް ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާގެ ބްލޮކޭޑުން ދޭހަވަނީ ވޮޝިންޓަނުން ކުރީގެ އުސޫލުތައް ތަކުރާރުކޮށް ޑިޕްލޮމެސީއަށް ހިޔާނާތްތެރިވަމުންދާ ކަމެވެ.