ދުނިޔެ
އިރާނުން ބޭނުންވަނީ އަބުރުވެރިކަމާއެކު ހަނގުރާމަ ނިންމާލަން: ރައީސް ޕެޒެޝްކިއަން
ރައީސް މަސްއޫދު ޕެޒެޝްކިއަން
އިރާނުން އެމެރިކާއާއެކު ކުރަމުންދާ ހަނގުރާމަ "އަބުރުވެރިކަމާއެކު" ނިންމާލަން ބޭނުންވާ ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއަން ވަނީ ތެހެރާނުގެ ނިއުކްލިއާ ހައްގުތައް އެމެރިކާއަށް ނިގުޅައިގަނެވިދާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ދަޢުވާތަކަށް ރައްދު ދެއްވާފައެވެ.
އިރާނުގެ ކުޅިވަރާ ބެހޭ ވުޒާރާއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، އިރާނުން ނިއުކްލިއާ ހައްގުތައް ބޭނުންކޮށްގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިރާނުން ކުރީ ކޮން ކުށެއްކަން އޭނާއަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ. "ގައުމެއްގެ ހައްގުތަކުން އެ ގައުމު މަހުރޫމް ކުރަން އޭނާއަކީ ކާކު؟" ރައީސް ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، ލޭއޮހޮރުވުމަށް ލޯބިކުރާ އަނިޔާވެރި ދުޝްމަނަކާ ދެކޮޅަށް ގައުމުން ސާބިތުކަމާއެކު ތިބުމަށް އޭނާ ގޮވާލެއްވިއެވެ. އަދި އިރާނަކީ ހަނގުރާމައަށް ފެންބޮވައިގެންފައިވާ ބައެއްގެ ގޮތުގައި ސިފަނުވާނެހެން ކަންކަން މެނޭޖްކުރަންޖެހޭ ކަމަށާއި، އިރާނުން ކުރަމުންދަނީ އަމިއްލަ ދިފާއުގައި ކުރާ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިރާނުގެ އަންހެން ފުޓްބޯޅަ ޓީމުން އޭޝިއަން ކަޕްގައި ދެއްކި ހިތްވަރަށް ތައުރީފު ކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އޮސްޓްރޭލިއާގައި ތިބި އިރާނުގެ އަންހެން ކުދިން ދުޝްމަނުންނަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާއިން ހިމާޔަތް ހޯދި ދެ ކުޅުންތެރިންނާ ގުޅޭގޮތުން ވިދާޅުވީ، "ދުޝްމަނުންގެ މަގުއޮޅުވާލުމުގެ ތެރެއަށް ދިޔަ އެ ދެ ކުދިން އެނބުރި އަންނަން ބޭނުން ކޮންމެ ވަގުތަކުވެސް މަރުހަބާ ކިޔާނެ" ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާއިރު، އިރާނުން ވަނީ އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދީ ގައުމުތަކަށް ރައްދު ހަމަލާ ދީފައެވެ. މި ހަނގުރާމަ މިހާރު މެދުކަނޑާލާފައިވަނީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އޭޕްރީލް 8 ވަނަ ދުވަހު ގާއިމުކުރި ދެ ހަފުތާގެ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި އެމެރިކާއާއި އިރާނާ ދެމެދު މިދިޔަ ހަފުތާ ބަންދުގައި ޕާކިސްތާނުގައި މަޝްވަރާތައް ބާއްވާފައިވާއިރު، އިސްލާމްއާބާދުގައި އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.