ޚަބަރު
އިސްރާއީލުގެ ވައިގެ ހަމަލާއަކުން ބެއިރޫތުގައި މަދުވެގެން 15 މީހުން މަރުވެއްޖެ

މިއަދު ދިން ހަމަލާގެ ތެރެއިން ފޮޓޯ:ބީބީސީ
ލުބުނާނުގެ އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި އިސްރާއީލުން ބެއިރޫތުގެ މެދުތެރެއަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެއްޖެއެވެ. މިއީ ހިޒްބުއްލާއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ ތެރެއިން އެ ގައުމުގެ ވެރިރަށަށް ދިން އެންމެ ފަހުގެ ހަމަލާއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 4:00 ގައި (ގްރީންވިޗް ގަޑިން 2:00 ގައި) އެއްވެސް އިންޒާރެއް ނެތި ދިން މި ހަމަލާއަކީ ހިޒްބުއްލާގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށް އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާގެ އަޑާއި ބާރުގަދަކަން މުޅި ސިޓީއިން އިހުސާސްކުރެވުނެވެ. އަދި މީހުން ދިރިއުޅޭ ތޮއްޖެހިފޮއްޖެހިފައިވާ ބަސްތާ ސަރަހައްދުގައި ހުރި 8 ބުރީގެ އިމާރާތެއް މުޅިން ހަލާކުވެ ބިމާހަމަވެގެން ދިޔައެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނާ ގޮތުގައި މި ހަމަލާގައި ބޭނުންކޮށްފައިވަނީ "ބަންކަރ ބަސްޓަރ" ބޮމެކެވެ. މިއީ ކުރިން އިސްރާއީލުން ހިޒްބުއްލާގެ އިސް މީހުންނާއި ކުރީގެ ލީޑަރު ހަސަން ނަސްރުއްލާ މެރުމަށް ބޭނުންކޮށްފައިވާ ހަތިޔާރެކެވެ.
މުޅި ދުވަހު އިމަޖެންސީ މަސައްކަތްތެރިން ވަނީ ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ވެއްޓިފައިވާ އިމާރާތުގެ ބައިތައް ނަގައި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގާފައެެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި 60 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ހަށިގަނޑުގެ ބައިތަކުގެ ޑީއެންއޭ ޓެސްޓުތައް ހެދުމަށްފަހު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.