ޚަބަރު
ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އަލްއުސްތާޛު ޢަބްދުالله ޖަމީލް ޢައްޔަންކުރައްވައިފި
ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުالله ޖަމީލް
ފަރުދުން
21 އޭޕްރީލު 2026، 08:09
21 އޭޕްރީލު 2026، 08:09
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުالله ޖަމީލް ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް އައްޔަންކުރެއްވި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އެ މަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 19ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާއެވެ.
ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީކަމާއި ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަންވަނީ ކުރައްވާފައެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛު ޢަބްދުﷲ ނަޝީދުވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި އެކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވާފައިވެއެވެ. ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 24ވަނަ ދުވަހުގައެވެ.