ދުނިޔެ
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ވަޒަންވެރިއަކު ކުޑަކުއްޖެއްގެ ގައިގައި ކާރުން ޖައްސައި ޝަހީދުކޮށްލައިފި
ޝަހީދުކޮށްލި ކުޑަ ކުއްޖާ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގެ އުތުރުގައި، ސްކޫލަށް ދިޔަ މަގުމަތީގައި 16 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގައިގައި އިސްރާއީލުގެ ވަޒަންވެރިއަކު ކާރުން ޖައްސައި ޝަހީދުކޮށްލައިފިއެވެ.
މިއީ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެކެވެ.
އަންގާރަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6:00 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ މުޙައްމަދު މަޖްދީ އަލް-ޖަޢުބަރީ އެވެ. އޭނާ ސްކޫލަށް ދިއުމަށް ބައިސްކަލު ދުއްވާފައި ދަނިކޮށް ކާރުން ޖެއްސުމުގެ ސަބަބުން ވަގުތުން ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކާރަކީ ހެބްރޮންގެ ޣައިރުގާނޫނީ އާބާދީއެއްގައި ދިރިއުޅޭ އިސްރާއީލު ސަރުކާރުގެ ވަޒީރެއްގެ ސެކިއުރިޓީ ސްޓާފުން ބޭނުންކުރާ އުޅަނދެކެވެ.
އެކުވެރި ދައުލަތްތަކުގެ (ޔޫއެން) ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދިން ހަމަލާތަކުގައި 1,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ކުޑަކުއްޖެކެވެ. އޯޗާ (OCHA) އިން ކަށަވަރުކޮށްދޭ ގޮތުގައި 2023 އޮކްޓޫބަރުން 2026 މާރިޗު މަހުގެ ނިޔަލަށް 1,079 ފަލަސްތީނު މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 235 ކުޑަކުދިން ހިމެނެއެވެ.
އިސްރާއީލުގެ ވަޒަންވެރިން ހިންގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ހިންގާ ރޭވުންތެރި އަމަލުތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވަނީ، ޣައިރުގާނޫނީ އާބާދީތައް ފުޅާކުރުމާއި ދައުލަތުގެ އެހީތެރިކަމާއެކު ވަޒަންވެރިން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އެޅުމުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ޔޫއެންގެ ރިޕޯޓެއްގައިވާ ގޮތުން، 2024 ނޮވެމްބަރުން 2025 އޮކްޓޫބަރުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުން ގަދަކަމުން ގެދޮރުން ނެރުން ވަނީ 25 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި 36,000 އަށްވުރެ ގިނަ މީހުން ވަނީ ރެފިއުޖީންނަށް ވެފައެވެ. އަދި ވަޒަންވެރިންގެ ފަރާތުން ކުރިމަތިވާ ގޯނާތަކާއި، މުދަލަށް ގެއްލުން ދިނުމާއި، ދަނޑުބިންތައް ހަލާކުކުރުން ފަދަ 1,732 ހާދިސާއެއް ވަނީ ރިކޯޑުކުރެވިފައެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މާހިރުން ފާހަގަކުރާ ގޮތުގައި، އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދަނީ ފަލަސްތީނު މީހުން ގެދޮރުން ބޭރުކުރުމަށްޓަކައި ޖިންސީ ފުރާނާޅުމާއި ގޯނާކުރުން ފަދަ އަމަލުތައްވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމަކީ، އިތުރު އަނިޔާވެރިކަމަށް މަގުފަހިވާ ކަމެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.