ރިޕޯޓް

ދިވެހި އަސްކަރިއްޔާގެ 134 އަހަރުގެ ފަޚުރުވެރި ހަޔާތް

ދިވެހި އަސްކަރިއްޔާގެ 134 އަހަރުގެ ފަޚުރުވެރި ހަޔާތް

ދިވެހި ސިފައިން/ފޮޓޯ: ސަން

farudhun logo

ފަރުދުން

21 އޭޕްރީލު 2026، 05:07

21 އޭޕްރީލު 2026، 05:07

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ ދިވެހި ސިފައިންނެވެ. ދިވެހި ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ރޭދުވާލު ހޭލާ ތިބޭ ފަހުލަވާނުންނެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަކީ ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޚާއްޞަ ދުވަހެވެ. މި އަހަރަކީ ވެސް އެހެން އަހަރުތަކޭ އެއްފަދައިން ކުލަގަދަ ގޮތެއްގައި ސިފައިންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމާފައިވާ އަހަރެކެވެ.

މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް

މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ މިއަދު ހެނދުނު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ހަތަރު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މާލޭގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ ސިފައިންގެ މައި މަރުކަޒު ކަމުގައިވާ ކަޅުތުއްކަލާކޮށީގައެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ހަރަކާތަކީ މާލޭގެ މަގުތަކުގައި ބާއްވާ އަސްކަރީ ހިނގާލުމެވެ. އެގޮތުން، އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމަކީ ސިފައިންގެ ތަރުތީބާއި، ސަފުތަކުގެ ބަދަހިކަން ޢާންމު ރައްޔިތުންނަށް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ޚިދުމަތްތައް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހިތްގައިމު ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ.

މި މުނާސަބަތުގެ އެންމެ މުހިންމު ރަސްމީ ހަރަކާތަކީ އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހަޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި، ސިފައިންގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމާއި، އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޢާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.

ސިފައިންގެ ތާރީޚުގެ ފެށުން

ދިވެހި އަސްކަރިއްޔާގެ ތާރީޚަށް ބަލާއިރު، ސިފައިންގެ ޚިދުމަތް ރަސްމީކޮށް އުފެދިފައިވަނީ އައްސުލްތާޛް އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައެވެ. އެއީ ހިޖުރައިން 1309 ވަނަ އަހަރުގެ ރަމަޟާން މަހުގެ 23 ވަނަ ދުވަހެވެ. މީލާދީ ތާރީޚުން އެއީ 21 އޭޕްރީލް 1892 އެވެ. ޢާންމު ރައްޔިތުންނަށް އެންމެ ފުރަތަމަ ސިފައިން ފެނިގެންދިޔައީ އެ ރޭ ރަދުން ހެންވޭރު ބޮޑު ހިއްޗަށް ވަޑައިގެންނެވިއިރު، ރަދުންގެ އަރިހުގައި ކުރިއަށްދިޔަ ޕްރޮސެޝަނުންނެވެ.

ނަމަވެސް، މިހާރު މި ފެންނަ ޒަމާނީ އަސްކަރީ ސިފަތަކާއި ކުލަތައް ދިވެހި އަސްކަރިއްޔާގައި ޖައްސަވައި، އެއީ ދައުލަތުގެ ހައިބަތު ދައްކުވައިދޭ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ބިނާކުރެއްވުމުގެ މަސައްކަތް ފެށްޓެވީ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. 1942 ވަނަ އަހަރު ދައުލަތް ހިންގެވުމުގެ ބާރުތައް އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ސިފައިންގެ ޔުނީފޯމާއި އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އެ ޒަމާނުގެ އެހެން އަސްކަރިއްޔާތަކާ އެއްފަދަ ކާކީ ޔުނީފޯމެއް ތަޢާރަފުކުރައްވައި، ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން މުހައްމަދު އަމީން ވެސް އެ ޔުނީފޯމު ތުރުކުރެއްވިއެވެ.

މުހައްމަދު އަމީން ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަން ނިންމެވީ ރަޖަބު މަހުގެ 16 ވަނަ ދުވަހެވެ. އެގޮތުން ފުރަތަމަ ފަހަރަށް ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރީ 16 ރަޖަބު 1366 (6 ޖޫން 1947) ގައެވެ. މި ސަބަބަށްޓަކައި، އިބްރާހީމް ނާސިރުގެ ވެރިކަމުގައި ވެސް ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައީ ޖޫން މަހުގެ 6 ވަނަ ދުވަހެވެ.

ސިފައިންގެ ތާރީޚުގައި 1947 ޖޫން 6 އަކީ ވަރަށް މުހިންމު ދުވަހެކެވެ. އެ ދުވަހަކީ ސިފައިންގޭގައި ފުރަތަމަ ފަހަރަށް ބަޑި މުބާރާތެއް ބޭއްވި ދުވަހެވެ. އަދި ސިފައިންގެ ދިދަ އިފްތިތާހުކޮށް، ސިފައިންގެ ލަވަ ފުރަތަމަ ފަހަރަށް ކިޔައި، ބޭންޑާއެކު މާޗުކުރަން ފެށި ދުވަސް ވެސް މެއެވެ. ސިފައިންގެ މޮޓޯގެ ގޮތުގައި "ޤައުމީ ޚިދުމަތް" ކަނޑައެޅުއްވީ ވެސް ހަމަ އެ ދުވަހުއެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ބަޑި މުބާރާތަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. 1979 ވަނަ އަހަރާ ހަމައަށް ތިން ވަޒަން ދެމުން އައި ނަމަވެސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އެ އަދަދު ފަހަކަށް އިތުރުކުރެއްވިއެވެ. އަދި 1984 ވަނަ އަހަރު އޭކޭ-47 ބަޑި ބޭނުންކުރަން ފެށުމާއެކު، ކޮންމެ މީހަކަށް 10 ވަޒަން ދޭން ފެށުނެވެ.

ނަމަވެސް ފަހުން މި ތާރީޚު ބަދަލުކޮށް، ސިފައިންގެ ޚުދުމަތް ރަސްމީކޮށް ފެށުނު ތާރީޚު ކަމުގައިވާ އޭޕްރީލް 21 އަކީ ސިފައިންގެ ދުވަހުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއަށްފަހު، އަސްކަރީ ތަމްރީނުތަކާއި ބަޑިޖެހުމުގެ ހުނަރު އިތުރު ކުރުމަށް ސަމާލުކަމެއް ދޭން ފެށުނެވެ. މިގޮތުން 1995 ވަނަ އަހަރު، އަލްމަރުހޫމް މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަޑި މުބާރާތުގެ ނަމުގައި މުބާރާތް ފަރުމާކުރެވުނެވެ. މިއަދު މި މުބާރާތަކީ ސިފައިންގެ ކޮންމެ މީހަކު ވެސް މަޖުބޫރުކަމާއެކު ބައިވެރިވާންޖެހޭ، ސިފައިންގެ ހުނަރުވެރިކަން ވަޒަންކުރެވޭ މުހިންމު މުބާރާތެކެވެ.

ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސިފައިން ޤައުމަށްޓަކައި ވަމުންދާ ޤުރުބާނީގެ އަގުވަޒަންކުރުމެވެ. ތާރީޚީ ގޮތުން ބަލާއިރު، ނޫރައްދީން ބަންޑާރައިން އުފެއްދެވި ލަޝްކަރު، މުހައްމަދު އަމީންގެ ދުރުވިސްނުންފުޅާއެކު ޒަމާނީ އަސްކަރިއްޔާއަކަށް ބަދަލުވެ، މިއަދު އެމްއެންޑީއެފް އަކީ ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ޤާބިލު ބާރެކެވެ. މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތަކަކީ މި ފަޚުރުވެރި ތާރީޚާއި ޚިދުމަތް އާލާކޮށްދޭނެ މުހިންމު ހަރަކާތްތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450