ދުނިޔެ

އީރާނާއެކު ވެވޭ އައު އެއްބަސްވުން 2015 ގެ އެއްބަސްވުމަށްވުރެ މާ ފުރިހަމަވާނެ: ޓްރަމްޕް

އީރާނާއެކު ވެވޭ އައު އެއްބަސްވުން 2015 ގެ އެއްބަސްވުމަށްވުރެ މާ ފުރިހަމަވާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2026، 07:03

21 އޭޕްރީލު 2026، 07:03

އީރާނާއެކު މިހާރު މަޝްވަރާ ކުރެވެމުންދާ އައު އެއްބަސްވުމަކީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށްވުރެ މާ ފުރިހަމަ އަދި ވަރުގަދަ އެއްބަސްވުމަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވަނީ 2015 ވަނަ އަހަރުގެ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަކީ އެމެރިކާގެ ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ސިފަކުރައްވާފައެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އީރާނާއެކު އަޅުގަނޑުމެން މި ގާއިމުކުރާ އެއްބަސްވުން ޖޭސީޕީއޯއޭ އަށްވުރެ މާ ބޮޑަށްވެސް ރަނގަޅުވާނެ" ކަމަށެވެ. އަދި ކުރީގެ އެއްބަސްވުމަކީ އެމެރިކާގެ ސަލާމަތީ މަސްލަހަތުތަކާ ގުޅޭގޮތުން މިހާތަނަށް ހެދުނު އެންމެ ގޯސް އެއްބަސްވުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް އިތުރަށް ވަކާލާތު ކުރެއްވި ގޮތުގައި، ކުރީގެ އެއްބަސްވުމަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އޮތް ޔަގީން މަގެކެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ފުރުސަތެއް އީރާނަށް ނުލިބޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވިއެވެ. 2018 ވަނަ އަހަރު ޖޭސީޕީއޯއޭއިން ވަކިވުމަށް ނިންމެވި ނިންމެވުމުގެ ސަބަބުން، މެދުއިރުމަތީގެ ގައުމުތަކާއި، އިސްރާއީލް އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓުވުނު ކަމަށްވެސް އެމަނިކުފާނު ދައުވާ ކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އައު އެއްބަސްވުމުގެ ސަބަބުން މެދުއިރުމައްޗާއި، ޔޫރަޕް، އެމެރިކާ އަދި މުޅި ދުނިޔެއަށްވެސް "ސުލްހަވެރިކަމާއި، ރައްކާތެރިކަން އަދި އަމާންކަން" ކަށަވަރުވެގެންދާނެއެވެ. މި ވާހަކަފުޅުތައް އައިސްފައިވަނީ ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފަންތީގެ މަޝްވަރާތަކުގެ ކުރިންނެވެ.

އަންނަ އާދީއްތަ ދުވަހު އެމެރިކާގެ މަންދޫބުން މަޝްވަރާތަކަށް އިސްލާމްއާބާދަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރެއްވި ނަމަވެސް، އީރާނުން އަދި ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އީރާނުން ބުނަމުންދަނީ މަޝްވަރާތަކަށް ދިއުމުގެ ކުރިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭނެ ކަމަށެވެ.

1979 ވަނަ އަހަރު ދެ ގައުމުގެ ސިޔާސީ ގުޅުން ކެނޑުނު ފަހުން، އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުނު ފުރަތަމަ ސީދާ މަތީ ފަންތީގެ ބައްދަލުވުން މިދިޔަ އޭޕްރީލް މަހުގެ 11 އިން 12 އަށް އިސްލާމްއާބާދުގައި ބޭއްވުނު ނަމަވެސް، އެ ބައްދަލުވުން ނިމިގެންދިޔައީ އެދެވޭ ކުރިއެރުމެއް ނުލިބިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450