ޚަބަރު
ޅ. އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ކީ ވޯލްގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފި
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ޅ. އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ކީ ވޯލްގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވީދާޅުވީ، އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ ތެރެއިން އެކަމަށް ބޭނުންވާ ކީ ވޯލްގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސް، ކުއޭވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 7534 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 49،857 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 14،160 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 164 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތެރެއަށް ވެލިތޮށްޓެއް ޖެހުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި އެތެރެވަރިއަށް ވެލިތޮށްޓެއް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން، 246 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 11 މީޓަރުގެ ދިގު 11 މީޓަރުގެ ފުޅާ ރޭމްޕެއް ހެދުމާއި، 27 މީޓަރުގެ ދިގު ފަސް މީޓަރުގެ ފުޅާ އާރްސީ ބްރިޖެއް ހެދުމާއި، 132 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި، 1149 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ފެރީ ބަނދަރު ކުރަން އެކްސަސް ޕްލެޓްފޯމެއް ހަދާނެއެވެ.
މިއީ 66.40 މިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.