ޚަބަރު
މަސް ހިފަން އުޅެނިކޮށް ހިނގި ހާދިސާއެއްގައި ހިތަދޫއިން ޒުވާނަކު ނިޔާވެއްޖެ
ލ. ހިތަދޫ މަތިން ފެންނަ ފޮޓޯއެއް---
ފަރުދުން
21 އޭޕްރީލު 2026، 09:41
21 އޭޕްރީލު 2026، 09:41
މަސް ހިފަން އުޅެނިކޮށް ހިނގި ހާދިސާއެއްގައި ލ. ހިތަދޫއިން ޒުވާނަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވީ ލ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަހުމަދު ހަމްޒާންއެވެ. އޭނާ ނިޔާވީ މަސް ހިފަން މޫދު އަޑީގައި ބަޑި ޖަހައި، އޭގެ ނަނު ނައްޓަން އުޅުމުގެ ތެރޭގައެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، ގާތްގަނޑަކަށް މޫދުގެ 8 ފޫޓު އަޑިން ނަނު އޮޅުނީ ގަލެއްގައި ކަމަށާއި، އަދި ނަނު ނައްޓަން އުޅެނިކޮށް ހަމްޒާންގެ އަތުގައި ނަނު އޮޅުމުން އޭނާއަށް ސަލާމަތްނުވެވުނީ ކަމަށެވެ. އަދި އޭނާއާ އެކު އުޅުނު 18 އަހަރުގެ ޒުވާނަކު ހަމްޒާން ސަލާމަތްކުރަން މަސައްކަތް ކުރުމަށްފަހު އޭނާއަށް އެކަން ނުވުމުން އެހެން މީހުންގެ އެހީތެރިކަން ހޯދަން މަސައްކަތްކުރި ކަމަށާއި، ނަމަވެސް އޭނާ ރަށަށް އަރައި މީހެއްގެ އެހީތެރިކަން ހޯދުމާ ދޭތެރޭ ވިއްސަކަށް މިނެޓު ހޭދަވިކަމަށް ވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 3:42ހާއިރު މި ހާދިސާގެ މަޢުލޫމާތު ވަނީ ރިޕޯޓްކޮށްފައެވެ. އަދި ފުލުހުން ހަރަކާތްތެރިވެ، އޭނާ އެ ރަށުގެ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.