ޚަބަރު
އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް ހުޅުވާލައިފި
2025ވަނަ އަހަރު އޮތް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރައީސް ބައްލަވާލައްވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
22 އޭޕްރީލު 2026، 08:12
22 އޭޕްރީލު 2026، 08:12
އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ "ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ" ނުވަތަ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހާވެސް ގުޅުވައިގެންނެވެ.
މި މުބާރާތުގެ މަޤްސަދަކީ، ދިވެހީންގެ އުފެއްދުންތެރިކަމާއި އައު ޚިޔާލުތައް ދައްކުވައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށް ބީސީސީން ހާމަކުރެއެވެ.
މި މުބާރާތުގައި ވާދަކުރުމުގެ ގޮތުން ހުށަހަޅާ ވީޑިއޯތައް އަޕްލޯޑް ކުރަން ޖެހެނީ ޓިކްޓޮކް، އިންސްޓަގްރާމް އަދި އެނޫންވެސް އެފަދަ މީސްމީޑިޔާގެ މަންސަތަކުގައެވެ. އަދި މުބާރާތުގައި ހިމެނޭ ކުރު ފިލްމު ކެޓެގަރީގައި 3 ނުވަތަ 5 މިނެޓުގެ ވީޑިއޯތައް މުބާރާތުގައި ބައިވެރި ކުރެވޭނީ، ސޯޝަލް މީޑީއާ ނުވަތަ އެނޫންވެސް މަންސައަކަށް އަޕްލޯޑު ކުރުމަށްފަހު، އެ ވީޑިއޯގެ ލިންކު، [email protected] އަށް ފޮނުވުމުންކަމަށެވެ.
ބީސީސީން ވިދާޅުވީ، މުބާރާތުގައި ބައިވެރިކުރާ ކޮންޓެންޓު އަޕްލޯޑު ކުރަންވާނީ ބައިވެރިވާ ފަރާތުގެ އަމިއްލަ މީސްމީޑިޔާ މަންސަތަކުގައިކަމަށެވެ. އެގޮތުން ހިއްސާކުރާ ވީޑިއޯތަކުގައި ބީސީސީގެ މީސްމީޑިޔާ @BCC އާއި މޯލްޑިވްސް އެކްސްޕޯ @EXPOMV އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓު އެންޑް ޓްރޭޑު @MOEDT ޓެގް ކުރުމާއެކު ވީޑިއޯތަކާއެކު #mauraz26 ހޭޝްޓެގް ބޭނުންކުރަންވާނެއެވެ.
ވީޑިއޯ ހެދުމުގެ މި މުބާރާތުން 2 ކެޓެގަރީއަކުން އެންމެ މޮޅު ވީޑިއޯ ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއީ އެންމެ އުފެއްދުންތެރި ވީޑިއޯގެ ކެޓެގަރީ އަދި އެންމެ މޮޅު ވީޑިއޯ ރީލް ހުށަހަޅާ ކެޓަގަރީންނެވެ.
މި މުބާރާތަށް ހުށަހެޅޭ ވީޑިއޯގެ ތެރެއިން ހޮވާ އެންމެ މޮޅު ވީޑިއޯ އުފެއްދި ފަރާތަށް ޑީޖޭއައި ފްލިޕް ފްލައި މޯ ކޮމްބޯ އަކާއި އޮސްމޯ ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯއެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެންމެ މޮޅު ވީޑިއޯ ރީލްސް ހުށަހެޅި ފަރާތަށް އައިފޯން 17 ޕްރޯ މެކްސްއެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ އުފައްދައި އަޕްލޯޑް ކުރެވޭނީ އަންނަމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީސީސީން ވިދާޅުވީ ދިވެހިންނަށް އެކަނި ބައިވެރިވެވޭ، މިމުބާރާތުގައި ބައިވެރިކުރާ ވީޑިއޯތަކަކީ ހުރިހާ ޢުމުރެއްގެ މީހުން ބަލަން އެކަށީގެންވާފަދަ، ޢާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ވީޑިއޯތަކަކަށް ވާންޖެހޭނެކަމަށެވެ. އަދި ކޮންމެ ވީޑިއޯއެއްގައިވެސް އުފެއްދުންތެރި ގޮތެއްގައި ކޮންމެވެސް މޮޅު ޚިޔާލެއް، ނުވަތަ ކަމެއްގެ ހައްލެއް، ބެލުންތެރިންނަށް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ހުށަހަޅުން ވާނެކަމަށެވެ.
މީގެއިތުރުން ހުށަހަޅާ ވީޑިއޯއަކީ ހުށަހަޅާ ފަރާތުގެ ކޮޕީރައިޓް ކޮންޓެންޓަކަށް ވުމާއި، އެއްވެސް ސިޔާސީ ފިކުރަކާ އެއްކޮޅު ނުވަތަ ދެކޮޅު ކޮންޓެންޓް ނުހިމެނުމާއި، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކޮންޓެންޓް ނުހިމެނުމަށް ސަމާލުކަން ދިނުމަށް ބީސީސީން ވިދާޅުވެއެވެ.
އަދި ހުށަހަޅާ ކޮންމެ ވީޑިއޯއަކީ އެ ހުށަހަޅާ ފަރާތުގެ އަމިއްލަ ކޮންޓެންޓަކަށް ވާންޖެހޭނެކަމަށާއި، އެހެން ފަރާތެއްގެ މަސައްކަތެއްގެ ކޮޕީއެއް ނުވަތަ ރީޕޯސްޓެއްނަމަ އެ ހުށަހެޅުމެއް ޑިސްކޮލިފައި ވާނެކަމަށް ވިދާޅުވިއެވެ.