ދުނިޔެ

ވަގަށް ނަގާފައިވާ ރަން ހެލްމެޓް އަނބުރާ ރޫމޭނިއާއަށް ގެންގޮސްފި

ވަގަށް ނަގާފައިވާ ރަން ހެލްމެޓް އަނބުރާ ރޫމޭނިއާއަށް ގެންގޮސްފި

ވަގަށް ނަގާފައިވާ 2,500 އަހަރުވީ ރަން ހެލްމެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2026، 05:00

22 އޭޕްރީލު 2026، 05:00

މީގެ 2,500 އަހަރު ކުރީގެ އަގުބޮޑު ރަން ހެލްމެޓެއް، ނެދަލޭންޑްސްގެ މިއުޒިއަމަކުން ވަގަށް ނެގިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އަންގާރަ ދުވަހު އަނބުރާ ރޫމޭނިއާއަށް ގެންގޮސްފިއެވެ. މި ހެލްމެޓަކީ ރޫމޭނިއާގެ ގައުމީ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އާސާރީ އެއްޗެކެވެ.

ކޮޓޮފެނެސްޓީ ހެލްމެޓާއި ތިން ރަން އަތްގަނޑަކީ ރޫމޭނިއާގެ ދާސިއާ ހަޟާރަތަށް ނިސްބަތްވާ ތަކެއްޗެވެ. މި ތަކެތި ވަގަށް ނަގާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ނެދަލޭންޑްސްގެ ޑްރެންޓްސް މިއުޒިއަމްގައި ދައްކާލުމަށް ބަހައްޓާފައި ހުއްޓައެވެ. މި ވައްކަމާ ގުޅިގެން އާޓްގެ ދުނިޔެއަށް ބޮޑު ސިހުމެއް ލިބި، ރޫމޭނިއާގެ ކަމާބެހޭ ފަރާތްތަކަށް ބޮޑު ހިތާމައެއް ލިބުނެވެ.

14 މަސް ދުވަހުގެ ތަހުގީގާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށްފަހު، މި އާސާރީ ތަކެތި ބުކަރެސްޓްގެ ހެންރީ ކޮއަންޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައުމުން، ހަތިޔާރު އެޅި ސިފައިންގެ ބެލުމުގެ ދަށުން ވަނީ ނޭޝަނަލް ހިސްޓްރީ މިއުޒިއަމަށް ގެންގޮސްފައެވެ. މިއުޒިއަމްގެ އިންޓަރިމް ޑިރެކްޓަރު ކޯނެލް ކޮންސްޓަންޓިން އިލީ ވިދާޅުވީ، "މިއީ ހަމައެކަނި އާސާރީ ތަކެއްޗެއް ނޫން ކަމަށާއި، މިއީ އަޅުގަނޑުމެންގެ ތާރީޚީ ހަނދާންތަކާއި ހަޟާރަތުގެ ތަރިކަ" ކަމަށެވެ.

ޑްރެންޓްސް މިއުޒިއަމްގެ ޑިރެކްޓަރު ރޮބަޓް ވަން ލަންގް ވިދާޅުވީ، މި ތަކެތި އަނބުރާ ލިބުމަކީ އެންމެންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދެ ގައުމުގެ ފުލުހުން ކުރި މަސައްކަތާއި އަދުލު އިންސާފުގެ ދާއިރާއިން ކުރި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. މި ވައްކަމާ ގުޅިގެން ތިން މީހެއްގެ މައްޗަށް މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.

ފެނުނު ތަކެތީގެ ތެރޭގައި ހިމެނޭ ރަން ހެލްމެޓަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ދެ ރަން އަތްގަނޑު އޮތީ ވަރަށް ރަނގަޅު ހާލަތުގައެވެ. ނަމަވެސް، ވަގަށް ނެގި ތިންވަނަ ރަން އަތްގަނޑު އަދިވެސް ނުފެނެއެވެ. ރޫމޭނިއާގެ ކަލްޗަރ މިނިސްޓަރު ވިދާޅުވީ މި ހާދިސާއިން ދޭހަވަނީ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަން ކަމަށެވެ.

މި އާސާރީ ތަކެތި އާންމުންނަށް ދައްކާލުމަށް ބުކަރެސްޓްގެ މިއުޒިއަމްގައި ބެހެއްޓުމަށްފަހު، އެ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިއުޒިއަމުން މައުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450