ދުނިޔެ

އީރާނާ ގުޅުންހުރި ޖަމާއަތްތައް ހުއްޓުވުމަށް އެމެރިކާއިން އިރާގަށް ޑޮލަރު ފޮނުވުން މެދުކަނޑާލައިފި

އީރާނާ ގުޅުންހުރި ޖަމާއަތްތައް ހުއްޓުވުމަށް އެމެރިކާއިން އިރާގަށް ޑޮލަރު ފޮނުވުން މެދުކަނޑާލައިފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2026، 04:36

22 އޭޕްރީލު 2026، 04:36

އީރާނާ ގުޅުން އޮންނަ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ނުފޫޒު ކުޑަކުރުމަށް ބަޣުދާދަށް ބާރު އެޅުމުގެ ގޮތުން، އެމެރިކާއިން އިރާގަށް ފޮނުވަން ހަމަޖެހިފައިވާ ޑޮލަރުގެ ޝިޕްމަންޓްތައް ހުއްޓާލައި، އަސްކަރީ އެއްބާރުލުން ދިނުމުގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އިރާގަށް ފޮނުވަން އުޅުނު 500 މިލިއަން ޑޮލަރު ހިފަހައްޓާފައެވެ.

މި ފައިސާއަކީ ނިއުޔޯކްގެ ފެޑަރަލް ރިޒާވް ބޭންކުގައި ހުރި އިރާގުގެ ތެލުގެ އާމްދަނީން ފޮނުވަން ހަމަޖެހިފައިވާ ފައިސާއެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވަން އުޅުނު ޑޮލަރުގެ ޝިޕްމަންޓެއް އެމެރިކާއިން ހިފެހެއްޓި ދެވަނަ ފަހަރެވެ. މި ފިޔަވަޅަކީ އީރާނާއެކު އޮތް ގުޅުން ކުޑަކޮށް، އެމެރިކާއާ ގާތް ގުޅުމެއް ބޭއްވުމަށް ބަޣުދާދަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނާ ގުޅުންހުރި ޖަމާއަތްތަކުގެ ހަމަލާތައް
އެމެރިކާއިން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކަކީ ތެހެރާނަށް ތާއީދުކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް އެ ޖަމާއަތްތަކުން ބުނެއެވެ. މީގެ ރައްދުގައި އެމެރިކާއިން ވެސް ދަނީ އިރާގުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް) އާ ގުޅުންހުރި ޖަމާއަތްތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އިރާގުގެ މަރުކަޒީ ބޭންކުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި، ފައިސާ ފޮނުވުން ހުއްޓާލިކަމަށް ސީދާ އިޝާރާތެއް ނުކުރެއެވެ. ނަމަވެސް، އެ ބޭންކުގައި ފުދޭވަރަށް ޑޮލަރުގެ ރިޒާވް އެބަހުރި ކަމަށް ވަނީ ބުނެފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅަކީ ވަގުތީ ފިޔަވަޅެކެވެ. ނަމަވެސް އަލުން ފައިސާ ފޮނުވަން ފަށާނީ އިރާގުން ކޮން ކަންތައްތަކެއް ފުރިހަމަކުރުމުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިރާގުގެ ތެލުގެ އާމްދަނީ އާއި އެމެރިކާގެ ނުފޫޒު
2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އެރުމަށްފަހު، އެ ގައުމުގެ ތެލުގެ އާމްދަނީ ބެލެހެއްޓުމުގެ ބާރު އޮންނަނީ ނިއުޔޯކްގެ ފެޑަރަލް ރިޒާވް ބޭންކަށެވެ. މިއީ އިރާގުގެ އިގްތިސާދު ހަމަޖެއްސުމަށް ކުރާ ކަމެއް ކަމަށް ބުނި ނަމަވެސް، މީގެ ސަބަބުން އިރާގުގެ މާލީ ނިޒާމުގެ މައްޗަށް އެމެރިކާއިން ނުފޫޒު ފޯރުވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ކޮންމެ އަހަރަކު ވެސް އިރާގުގެ އިގްތިސާދު ހިންގުމަށް ބޭނުންވާ ބޮޑެތި އަދަދުތަކުގެ ނަގުދު ފައިސާ ބަޣުދާދަށް ފޮނުވަނީ އެމެރިކާގެ ބެލުމުގެ ދަށުންނެވެ.

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް-ސޫދާނީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތްތަކާ ކުރިމަތިލުމަކަށް ނުގޮސް، ދެވަނަ ދައުރަކަށް މަގާމުގައި ހުންނެވުމަށް އެމެރިކާގެ ތާއީދު ހޯއްދެވުމަށެވެ. ނަމަވެސް މިހާރު އުފެދިފައިވާ މަސްރަހުގެ ސަބަބުން ސޫދާނުގެ ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450