ދުނިޔެ

އޮސްޓްރިއާގައި ކުޑަކުދިން ބުރުގާ އެޅުން މަނާކުރަން އުޅޭ އުޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެފި

އޮސްޓްރިއާގައި ކުޑަކުދިން ބުރުގާ އެޅުން މަނާކުރަން އުޅޭ އުޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެފި

އޮސްޓްރިއާގެ މަގެއްގައި ހިޖާބު އެޅި ދެމީހަކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2026، 07:39

22 އޭޕްރީލު 2026، 07:39

އޮސްޓްރިއާގެ ސްކޫލްތަކުގައި ކިޔަވާ އުމުރުން 14 އަހަރުން ދަށުގެ އަންހެން ކުދިން ބުރުގާ އެޅުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް، އިސްލާމިކް ރިލިޖަސް ކޮމިއުނިޓީ އިން އޮސްޓްރިއާ (އައިޖީޖީއޯ) އިން އެކުލަވާލި ގާނޫނީ ރިޕޯޓެއްގައި ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު އާންމުކުރި 21 ސަފުހާގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ މި ގަވާއިދަކީ ދީނީ އަދި ފިކުރީ ގޮތުން ދައުލަތުން ގެންގުޅެންޖެހޭ ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލާ ހިލާފު ނިންމުމެކެވެ. މި މައްސަލަ އެގައުމުގެ ދުސްތޫރީ ކޯޓަށް ހުށަހަޅާނެ ކަމަށް މުސްލިމުންގެ މަންދޫބު ޖަމާއަތުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޔޯހަންސް ކެޕްލާ ޔުނިވާސިޓީ ލިންޒްގެ ގާނޫނީ މާހިރު މާކަސް ވަސެކް ތައްޔާރުކުރެއްވި މި ގާނޫނީ ރިޕޯޓުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ހަމަހަމަކަމުގެ އުސޫލުގެ މައްޗަށެވެ. ވަސެކް ފާހަގަކުރެއްވި ގޮތުގައި، މި އާ ގަވާއިދުގެ ސަބަބުން ބުރުގާ އަޅާ އަންހެން ދަރިވަރުންނާ މެދު ތަފާތުކުރުންތައް ގެންގުޅެވި، އެ ކުދިންނަކީ އަމިއްލަ ފިކުރީ ގާބިލުކަން ނެތް ބައެއްގެ ގޮތުގައި ސިފަވެގެންދާނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް އޮސްޓްރިއާގެ އޭރުގެ ސަރުކާރުން ބުރުގާ މަނާކުރަން ކުރި މަސައްކަތް އެގައުމުގެ ދުސްތޫރީ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. 2020 ވަނަ އަހަރު ކޯޓުން ނިންމާފައިވަނީ އެ ގަވާއިދަކީ ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށްގެން ހަދާފައިވާ، ހަމަހަމަކަމުގެ އުސޫލާ ހިލާފު ގަވާއިދެއް ކަމަށެވެ.

އޮސްޓްރިއާގެ މިހާރުގެ ކޯލިޝަން ސަރުކާރުން ހުށަހަޅާފައިވާ މި އާ ހުށަހެޅުމުގައި ބުރުގާ ސިފަކޮށްފައިވަނީ "ސަގާފީ ގޮތުން މަޖުބޫރުކުރެވޭ ކަމެއް"ގެ ގޮތުގައެވެ. ނަމަވެސް ވަސެކްގެ ރިޕޯޓުގައި ބުނެފައިވަނީ، މި ބަދަލާއެކު ވެސް ގާނޫނުގެ އަމާޒު ހުރީ ވަކި ދީނަކަށް ކަމަށްވާތީ، މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމާ ފުށުއަރާ ކަމެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450