ދުނިޔެ
2026 ވަނަ އަހަރުގެ ހައްޖު މޫސުމަށް 3.1 މިލިއަން ސީޓާއި 12،000 ފްލައިޓް ސައުދީން ކަނޑައަޅައިފި
ސަޢުދީ އިން ހައްޖުވެރިންނަށް މަރުޙަބާ ކިޔަނީ
2026 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެވިއޭޝަން (ގާކާ) އިން 3.1 މިލިއަނަށްވުރެ ގިނަ ސީޓާއި 12،000 އަށްވުރެ ގިނަ ފްލައިޓް ދަތުރުތައް ހަމަޖައްސައިފިއެވެ.
މިއީ ހައްޖުވެރިންނަށް އަމާން އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ގާކާ އިން ހާމަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހައްޖުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ސައުދީގެ މައިގަނޑު ހަ އެއާޕޯޓަކުން ޝެޑިއުލް އަދި ޗާޓަރު ފްލައިޓްތައް އޮޕަރޭޓް ކުރާނެއެވެ. މީގެ ތެރޭގައި ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި، މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރިޔާދު، ދައްމާމް، ތާއިފް އަދި ޔަންބޫގެ އެއާޕޯޓްތައް ހިމެނެއެވެ.
މި އިންތިޒާމުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ހައްޖުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ސައުދީއަށް އެތެރެވުމާއި ބޭރުވުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މިއީ ސައުދީ ވިޜަން 2030 ގެ ލަނޑުދަނޑިތަކާ އެއްގޮތަށް، ހައްޖާއި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ހައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދީ، އަޅުކަމުގެ ކަންކަން ލުއިފަސޭހަކަމާއެކު ނިންމާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސައުދީ ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ގާކާ އިން ފާހަގަކޮށްފައިވެއެވެ.