ދުނިޔެ / ވިޔަފާރި
މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެލުގެ ދަތިކަން ކުރިމަތިވެ ލުފްތަންސާގެ 20،000 ފްލައިޓް ކެންސަލްކޮށްފި
ލުފްތަންސާ ކުންފުނީގެ ފްލައިޓެއް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް ފިއުލް) ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، ޖަރުމަނުގެ ލުފްތަންސާ ގްރޫޕުން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރު ދަތުރުތަކުގެ 20،000 ފްލައިޓް ކެންސަލް ކުރަން ނިންމައިފިއެވެ.
ލުފްތަންސާ އިން ބުރާސްފަތި ދުވަހު ބުނީ، މާލީ ގޮތުން ފައިދާ ކުޑަ ރޫޓުތައް ކެންސަލްކޮށް، ފްރެންކްފަޓް އަދި މިއުނިކްގައި ހުންނަ އެ ކުންފުނީގެ މައި ހަބްތަކަށް ކުރާ ދަތުރުތަކަށް އިސްކަންދޭނެ ކަމަށެވެ. މި ބަދަލާއެކު ގާތްގަނޑަކަށް 40،000 ޓަނުގެ ޖެޓް ފިއުލް ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން، އެ ކުންފުނީގެ ސިޓީލައިން ސަބްސިޑިއަރީގެ 27 ބޯޓެއް ކުރިން ރޭވިފައިވާ ވަރަށް ވުރެ އަވަހަށް ގްރައުންޑް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ތެލުގެ މިދަތިކަން ކުރިމަތިވެފައިވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި، އުފުލާ މައި މަގު ކަމަށްވާ ސްޓްރެއިޓް އޮފް ހޮރުމޫޒު ކަނޑުއޮޅީގައި އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައާ ގުޅިގެން، ބައެއް މާކެޓްތަކުގައި ޖެޓް ފިއުލްގެ އަގު ވަނީ ދެގުނައަށް ވުރެ ބޮޑުވެފައެވެ. އެގޮތުން ފެބްރުއަރީގައި ފީފާއެއް 99 ޑޮލަރަށް ހުރި ތެޔޮ، އޭޕްރީލް މަހުގެ ކުރީކޮޅު 209 ޑޮލަރަށް ވަނީ އުފުލިފައެވެ.
ޔޫރަޕްގެ އެއާލައިންތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރަނީ، އެ ގައުމުތަކުން ބޭނުންކުރާ ޖެޓް ފިއުލްގެ 75 އިންސައްތަ އަކީ މެދުއިރުމަތިން އިމްޕޯޓްކުރާ ތެޔޮ ކަމަށްވާތީއެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ވެރިޔާ ފާތިހް ބިރޯލް އިންޒާރު ދެއްވާފައިވާ ގޮތުގައި، ޔޫރަޕްގައި މިހާރު ހުރީ ގާތްގަނޑަކަށް ހަ ހަފުތާއަށް ވާވަރުގެ ތެލެވެ. އަދި ތެޔޮ ސަޕްލައި އާންމު ހާލަތަކަށް ނައިސްފިނަމަ، އިތުރު ފްލައިޓްތައް ކެންސަލް ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެނާޖީ ކޮމިޝަނަރު ޑޭން ޖޯގެންސަން ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން ޔޫރަޕަށް ދުވާލަކު ގާތްގަނޑަކަށް 500 މިލިއަން ޔޫރޯގެ ގެއްލުންވަމުންދާ ކަމަށެވެ. އަދި މި ހަކަތައިގެ ކްރައިސިސް ކުރިއަށް އޮތް މަސްތަކުގައި ނުވަތަ އަހަރުތަކުގައި ވެސް ދެމިއޮތުމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާލަތުގެ ސަބަބުން ދަތުރުވެރިންނަށް ވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ފްލައިޓްތައް މަދުވުމުގެ އިތުރުން، ގިނަ އެއާލައިންތަކުން ވަނީ ޗެކްޑް ބެގޭޖް ފީ ބޮޑުކޮށް، ފިއުލް ސާޗާޖްތައް އިތުރުކުރަން ފަށާފައެވެ. ލުފްތަންސާ އިން ބުނީ ކުރިއަށް އޮތް ހަފުތާތަކަށް ބޭނުންވާ ތެޔޮ މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި، ހޫނު މޫސުމުގެ ދަތުރުތަކަށް ތެޔޮ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.