ޚަބަރު
ށ. މިލަންދޫ ގެެއަކުން ވަގަށް ނެގި 120،000ރ.ގެ އަގުހުރި މުދާ ފުލުހުން ހޯދައިފި
ފުލުހުންގެ ހެޑްކުއަރޓާސް.
ށ. މިލަންދޫ ގެއެއްގެ ގަރާޖުން ވަގަށް ނަގާފައިވާ 120،000 ރުފިޔާއަށްވުރެ އަގުބޮޑު ތަކެތި، އެންމެ 2،500 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ވައްކަން ހިނގާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ވަގަށް ނަގާފައިވަނީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެއް ކަމަށް ފުލުހުން ބުނެއެވެ. އެ ތަކެތީގެ ވެރިފަރާތުން މައުލޫމާތު ދޭ ގޮތުގައި، ވަގަށް ނެގި ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް ވަނީ ވިއްކާލާފައެވެ. މި ތަކެތި ވިއްކާލާފައިވަނީ އެންމެ 2،500 ރުފިޔާއަށެވެ.
މި މައުލޫމާތު ލިބުމާއެކު ފުލުހުން އެ ބޯޓަށް ގޮސް ބަލައިފާސްކުރިއިރު، ވަގަށް ނެގި ތަކެތި ފެނިފައިވަނީ ބޯޓުގެ އިންޖީނުގެ ވަތުތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.