ދުނިޔެ

ދުނިޔޭގެ އެންމެ އުނދަގޫ އެއް އޮޕަރޭޝަން: ފިލިޕީންސްގެ ބޮލުން ގުޅިފައިވާ ދެބެން ވަކިކުރުމުގެ މަސައްކަތް ސައުދީން ފަށައިފި

ދުނިޔޭގެ އެންމެ އުނދަގޫ އެއް އޮޕަރޭޝަން: ފިލިޕީންސްގެ ބޮލުން ގުޅިފައިވާ ދެބެން ވަކިކުރުމުގެ މަސައްކަތް ސައުދީން ފަށައިފި

ފިލިޕީންސްގެ ބޮލުން ގުޅިފައިވާ ދެބެން ވަކިކުރުމުގެ އޮޕަރޭޝަނަށް ތައްޔާރުކޮށްފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2026، 06:25

23 އޭޕްރީލު 2026، 06:25

ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލުގައި، ބޯގުޅިފައިވާ ފިލިޕީންސްގެ ދެބެން ކަމަށްވާ ކްލެއާ އާއި މޮރިސް އޭން ވަކިކުރުމުގެ ބޮޑު އޮޕަރޭޝަން ބުރާސްފަތި ދުވަހު ފަށައިފިއެވެ.

 މި އޮޕަރޭޝަނަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މެޑިކަލް ޓީމުގެ އިސްވެރިޔާ އަބްދުﷲ އަލް ރާބިއާ ވިދާޅުވި ގޮތުގައި، މި ދެކުދިން ސައުދީއަށް ގެނެވުނީ 17 މެއި 2025 ގައެވެ. އޭގެ ފަހުން ގިނަ ދިރާސާތަކާއި ޓެސްޓުތަކެއް ހެދުމަށްފަހު، މިއީ ދުނިޔޭގައި މިހާތަނަށް ކުރެވޭ އެންމެ އުނދަގޫ އެއް އޮޕަރޭޝަންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ސަބަބަކީ ދެކުދިންގެ ބޯ ގުޅިފައިވާ ގޮތާއި، ސިކުނޑީގެ ލޭހޮޅިތަކާއި ޓިޝޫތައް އެކުވެފައިވާ މިންވަރު ބޮޑުވުމެވެ.

ސިއްހީ ގޮންޖެހުންތަކާއި ނުރައްކާ
އަލް ރާބިއާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހިތުގެ މަސްތައް ބަލިކަށިވުމާއި، ކިޑްނީ ފެއިލްވެފައިވުމުގެ ސަބަބުން އޮޕަރޭޝަންގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އޮޕަރޭޝަންގައި ކާމިޔާބުވުމުގެ ފުރުސަތު އޮތީ 50 އިންސައްތައިގައެވެ. އަދި އޮޕަރޭޝަނަށްފަހު ނާރުގެ މައްސަލަތައް ކުރިމަތިވެ، ނުކުޅެދުންތެރިކަން ދިމާވުމުގެ ފުރުސަތު 60 އިންސައްތައަށް އޮތް ކަމަށް ލަފާކުރެވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މުތާސިމް އަލް ޒޫބީގެ އިރުޝާދުގެ ދަށުން، 30 ކޮންސަލްޓަންޓުންނާއި، ނަރުހުން އަދި ޓެކްނީޝަނުން ހިމެނޭ ޓީމަކުންނެވެ. ފަސް މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 24 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މާހިރުންގެ ލަފާވެސް ހޯދާފައިވާ ކަމަށާއި، ދެކުދިންގެ މައިންބަފައިންނަށް ހުރިހާ ނުރައްކަލެއްގެ މައުލޫމާތު ދީފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިއީ 1990 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާގައި ހިންގާ ސައުދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމްގެ ދަށުން ކުރެވޭ 70 ވަނަ އޮޕަރޭޝަނެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 28 ގައުމަކުން 157 ޖޯޑު ކުދިންނަށް ވަނީ ފަރުވާ ދީފައެވެ. މި އޮޕަރޭޝަނަކީ ސައުދީގެ ސިއްހީ ދާއިރާގެ ކުރިއެރުން ދުނިޔެއަށް ދައްކާލާ މުހިންމު މަސައްކަތެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450