ވިޔަފާރި / ޚަބަރު
ޓެކްސީ ނަފާ ލޯނާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވެއްޖެ
ޓެކްސީތަކެއް މާލޭ މަގުމަތީގައި---
ޓެކްސީ ނަފާ ލޯނު ނަގައިގެން ޓެކްސީ ގަތުމަށްފަހު ރެޖިސްޓްރީ ނުކުރެވިގެން ވިޔަފާރި ފެށިފައި ނުވިނަމަވެސް، ލޯނު ދައްކަން ޖެހިފައި އޮތް އޮތުމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ މަނިކުފާނަށް އެޑްރެސްކުރައްވައި "އެކްސް"ގައި މީހަކު ލިޔެފައިވާ ސިޓީއަކަށް ރައްދުދެއްވަމުންނެވެ.
ހއ. ދިއްދޫއަށް ނިސްބަތްވާ މީހަކު ލިޔެފައިވާ އެ ސިޓީގައި ވަނީ ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން އަންގަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކާރުތައް ރަޖިސްޓަރ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓަރީނުވެ ހުއްޓައި ލޯނުދެއްކުމަށް ތަކުރާރުކޮށް އަންގަމުން ދިއުމަކީ ލޯނު ނެގި ފަރާތްތަކަށް ވަރަށް ބޮޑު ތަކުލީފަކާއި ކަންބޮޑުވުމަކަށްވެފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ހަމަޔާ ޢަދުލުވެރިކަމާ ޚިލާފު ކަމެއްކަމަށް ދެކޭކަމަށް ވެސް އެ ފަރާތުގެ އުދާސްތައް ހާމަކުރަމުން ވަނީ ލިޔުއްވާފައެވެ.
﷽
— Adam saleem (@Adamsaleem3098) April 23, 2026
މުތީގެ
ހއ. ދިއްދޫ،
ދިވެހިރާއްޖެ
ޓްރާންސްޕޯޓް މިނިސްޓަރ، އަލްފާޟިލް ޢަބްދުﷲ ސަޢީދު( @em_saeed )އަށް.
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މި ސިޓީ ލިޔަން ޖެހިފައިވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު…
މި ކަންބޮޑުވުމާ ގުޅިގެން ވަޒީރު ވިދާޅުވީ، އެކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަކީ ވަޒީރުގެ އިސްވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށާއި، އަދި އެ މައްސަލައާ ގުޅޭ ކަންކަން ބަލައިދިނުމަށް އެކަމާ ގުޅުންހުރި ފަރާތްތަކަށް ދަންނަވާފައިވާނެކަމަށެވެ.
އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދިނުމަކީ އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެމެވެ. އަދި ޢާއްމު ކުރައްވާފައި އެވާ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު ވާނީ ދަންނަވައިފައެވެ.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމުގައެވެ.
މި މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ތަފްސީލްކުރައްވައި، މިވާހަކަ ސޯޝަލް މީޑިއާގައި ޚިއްޞާކުރެއްވި ފަރާތުން ވަނީ މިކަމުގައި ޙައްލު ހޯދުމަށް ބޭނުންވާ ކަންކަން ވެސް ހާމަކުރައްވާފައެވެ. އެގޮތުން ކާރު ރަޖިސްޓަރ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށާއި، ކާރުތައް ރަޖިސްޓަރ ކުރުމުގެ ކަންކަން އަވަސްކޮށްދިނުމަށާއި، ރަޖިސްޓްރޭޝަން ލަސްވަނީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލުން ނޫންކަން ކަށަވަރު ކުރެވި، ލޯނުދެއްކުމުގެ ޒިންމާ ލޯނު ނެގި ފަރާތްތަކުގެ ބޮލުގައި ނޭޅޭ ގޮތަށް ކަންކަން ތަރުތީބު ކޮށްދެއްވުމަށާއި އަދި ލޯނު ސްކީމްގެ ދަށުން ކާރު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ޢަދާލަތްތެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ވެސް ވަނީ އެދިފައެވެ.