ޚަބަރު
ނަފްސާނީ ހާލަތެއް ތަހައްމަލްކުރާނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި
ނަފްސާނީ އެހީތެރިކަން ހޯދުމަށް 1677 ގުޅާލާ---
ފަރުދުން
24 އޭޕްރީލު 2026، 09:26
24 އޭޕްރީލު 2026، 09:26
ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ނަމަ، ލަސްނުކޮށް ނެޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ނަމްބަރު 1677 އަށް ގުޅައި އެހީތެރިކަން ހޯދުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގޮވާލައިފިއެވެ.
ނަފްސާނީ ކަންތައްތަކެއްގެ ތެރެއިން ހިތާމަވެރި ހާދިސާތައް ނިސްބަތުން ގިނަވެފައިވުމާއި، އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެކަމަށެވެ.
އޭގެ އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ބަޔާނުގައި ޞިއްޙީ ވުޒާރާއިން ވަނީ، ނަފްސާނީގޮތުން ބަލިކަށިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ވެސް ޚިއްޞާކޮށްފައެވެ. އެގޮތުން އާއިލާތަކާއި ރައްޓެހިން އަދި މުޖުތަމަޢު ގުޅިގެން އެކަކު އަނެކަކުގެ ހާލު ބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށާއި، އަނެކާގެ ވާހަކަ ކަނުލާ އެހުން ނުވަތަ އޯގާތެރިވުމަކީ ވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
އަދި ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކާއި މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް އިތުރު ހިތްދަތިކަމެއް ލިބޭނެ ވާހަކަތަކެއް ކަން ފާހަގަކޮށް، އެ ފަދަ ހިތްދަތި ވާހަކަތަކާއި މަންޒަރުތައް ނުފެތުރުމަށް ވެސް ގޮވާލާފައެވެ.
އެހެންކަމުން ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރެއްވުމަށްވެސް ގޮވާލެއްވިއެވެ.