ޚަބަރު
ފުއްޕާމެއާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ތިނަދޫގައި މި އަހަރު ފަށަނީ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އިތުރުކުރި ޖާގަ / ފޮޓޯ: އެމްޓީސީސީ
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުއްޕާމެއާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދިނުމުގެ ޚިދުމަތް މި އަހަރު ފެށުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، މި އަހަރު ވެގެންދާނީ ހުވަދު އަތޮޅުގެ ޞިއްޙީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށެވެ. އެގޮތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މި އަހަރު މުޅި އައު ޚިދުމަތްތަކެއް ފެށިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އަޝްރަފް ވިދާޅުވީ، އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅޫކުރައްވަނީ، ރަށާއި އެ ހިސާބުގައި ބަލިތަކުގެ ފަރުވާއަށް އޮންނަ ޑިމާންޑަށް ބަލައިގެން ކަމަށާއި، އެގޮތުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދިނުމުގެ ޚިދުމަތް ފެށުމަށް މަސައްކަތް ފެށީ، ރަށުގައި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ މިންވަރު އިތުރުވަމުން ދިއުމާއި، މިފަދަ ބަލިތަކަށް އުމުރުން ދުވަސްވާ މީހުން ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީކަމަށެވެ.
އެހެންކަމުން، އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ ފަރުވާގެ ޚިދުމަތް މިއަހަރުތެރޭ ފެށުމަށް މިހާރު ތައްޔާރުވަމުންއަންނަކަމަށް އަޝްރަފް ވިދާޅުވިއެވެ. އެގޮތުން އެ ދާއިރާތަކަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި މި ޚިދުމަތާއެކު އެއާ އެމްބިއުލޭންސްއަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ވެސް އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.
ޔޫރޮލޮޖީއާއި ޕަލްމޯ މިއަހަރުތެރޭ އަޅުގަނޑުމެން ޚިދުމަތަށް ގެންނާނަން. އޭގެ ސަބަބުން މި ރީޖަންގައި އެއާ އެބްލުއާންސްއަށް ކުރާ ހޭދަ ބޮޑުތަނުން ކުރެވިގެންދާނެ. ސަބަބަކީ އަޅުގަނޑުމެންގެ ޕޮޕިއުލޭޝަން މި މޫވް ކުރަނީ އޭޖިން ޕޮޕިއުލޭޝަނަކަށް. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ މިބުނާ ދާއިރާތަކުގެ ޑިމާންޑް މި ހިސާބުގަވެސް ބޮޑުކަން. އެހެންވީމަ އަޅުގަނޑުމެންނަށް ޚިދުމަތަށް އެ ޑޮކްޓަރުން ގެނެވުނީމަ އެއީވެސް އެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް.
އަޝްރަފް ވިދާޅުވިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުތެރޭ މުޅި އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، ޓާޝިއަރީ އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އަޝްރަފް ވިދާޅުވިއެވެ.