ޚަބަރު
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ރޭ މާލޭގައި ހިންގި ހަމަލާދިނުމުގެ އަމަލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި (ރިފަރެންސް: 2026-002) ވިދާޅުވެފައިވަނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރަށް ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ ރައީސަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުވެފައިވާ ބޭފުޅަކަށް ވީހިނދު، އެއްވެސް ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައިވިޔަސް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކަށްމެ އަމާން މާހައުލެއް ޤާއިމުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް އެރުއްވިއެވެ.
މި ހާދިސާއާ ގުޅިގެން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މީޑިއާއަށް ދެއްވި ބަޔާނެއްގައި، މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރެއްވުމުން އެކަމާ ހައިރާންކަން ފާޅުކުރެއްވިއެވެ. ތަރުޖަމާނު ވިދާޅުވީ މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، މޭޔަރު ކުރެއްވި ތުހުމަތަކީ އެއްވެސް ހެއްކެއް ނެތް، ކަނޑައެޅިގެން ދޮގު އަދި ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.
މީގެ އިތުރުން، މި ހާދިސާ ހިނގި ފަހުން އެމް.ޑީ.ޕީ އިން ނުވަތަ މާލެ ސިޓީ ކައުންސިލުން ވެސް މިހާތަނަށް ރަސްމީކޮށް ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައި ނުވާތީ ތަރުޖަމާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޤާނޫނީ ޒިންމާ އަދާކުރާ މުއައްސަސާއަށް މިފަދަ ކަންކަން ރިޕޯޓު ނުކުރުމަކީ މައްސަލަ ތަޙުޤީޤު ކުރުމަށް އެޅޭ ހުރަހެކެވެ. ނަމަވެސް، މީސް މީޑިއާއިން ވީޑިއޯ ފެނުނު ހިސާބުން ފުލުހުން މިހާރު އަމިއްލަ އިސްނެންގެވުމަށް މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެކެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް 'ތްރެޓް އެސެސްމަންޓް' ހައްދަވަމުން ގެންދަވާނެ ކަމަށާއި، ނުރައްކަލެއް އޮތް ކަމަށް ފާހަގަވެއްޖެނަމަ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.