ކޮލަމް
ގޭސްޓްރިކް އަލްސަރ: ސަބަބުތަކާއި، ފަރުވާ އަދި ރައްކާތެރިކަން
ބަނޑުގައި ފާރު ހެދުން
އަލްސަރ ނުވަތަ ފާރުހެދުމަކީ ހަށިގަނޑުގެ ގުނަވަނެއްގެ ނުވަތަ ޓިޝޫއެއްގެ އެތެރޭގެ ފަށަލައިގައި އުފެދޭ ފާރުކޮޅެކެވެ. އާންމުކޮށް މިފަދަ ފާރުކޮޅުތައް އުފެދެނީ ބަނޑުގެ އެތެރޭ ފަށަލައިގައި ނުވަތަ ކުޑަގޮހޮރުގެ މަތީ ބައިގައެވެ. ބައެއް ހާލަތްތަކުގައި އަނގަޔާއި، ބަނޑު އަދި ގޮހޮރުގެ އެކި ހިސާބުތަކުގައި އެއް ފާރުކޮޅަށްވުރެން ގިނަ ފާރުކޮޅު އުފެދި، އޭގެ ސަބަބުން ބޮޑެތި އުނދަގޫތަކާއި ތަދު އިހުސާސް ކުރަންޖެހެއެވެ.
ބަނޑުގައި ފާރު އުފެދެން މެދުވެރިވާ މައިގަނޑު ސަބަބަކީ ބަނޑުގައި އުފެދޭ އެސިޑްގެ މިންވަރު މަތިވުން ނުވަތަ ބަނޑުގެ އެތެރޭގައިވާ ރައްކާތެރިކޮށްދޭ ފަށަލަ ބަލިކަށިވުމެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ދިލައިގެ އިހުސާސެއްވުމާއި، ތަދުވުމާއި، ވައިގެ އުނދަގޫތަކެއް ހުރުން ހިމެނެއެވެ. މީގެ އިތުރުން ހަޖަމުނުވުމާއި، ބައެއް ހާލަތްތަކުގައި ލޭ އައުން ފަދަ ނުރައްކާތެރި އަލާމާތްތައް ވެސް ފެނިދާނެއެވެ.
އަލްސަރ ނުވަތަ ފާރަށް ދެވޭ ޑޮކްޓަރީ ފަރުވާގެ މައިގަނޑު ބޭނުމަކީ ބަލިޖެހެން މެދުވެރިވި ސަބަބު ނައްތާލައި، ފާރު ފަސޭހަކުރުމެވެ. މިކަމަށްޓަކައި އިންފެކްޝަން ނައްތާލުމަށް ދޭ އެންޓިބަޔޮޓިކްސްއާއި، އެސިޑް މަދުކުރާ ބޭހާއި، ބަނޑުގެ ފަށަލަ ފަސޭހަވުމަށް އެހީތެރިވެދޭ ބޭސްތައް ބޭނުންކުރެވެއެވެ.
މި ބައްޔަށް ގޭގައި ކުރެވިދާނެ ފަރުވާއެއްގެ ގޮތުން، ތަޖުރިބާކާރުން ލަފާދެނީ ކޮންމެ ދުވަހަކު ދެ ދޮންކެޔޮވަކާއި ގާތްގަނޑަކަށް 150 ގްރާމްގެ ޔޯގަޓް ބޭނުންކުރުމަށެވެ. މި ދެ ބާވަތް ރަނގަޅަށް ގިރުމަށްފަހު ހެނދުނުގެ ނާސްތާގެ ތެރޭގައި ހިމަނައިގެން ބޭނުންކުރެވިދާނެއެވެ. މީގެ ތެރެއަށް ފޮނިކަން އިތުރުކުރަން ބޭނުންނަމަ، ހުދު ހަކުރުގެ ބަދަލުގައި ޖެގަރީ ބޭނުންކުރުން މާ ރަނގަޅެވެ. ސަބަބަކީ އެއީ ގުދުރަތީ އެއްޗަކަށް ވެފައި، އޭގެން ލިބޭ ގެއްލުން ކުޑަވުމެވެ.
މި ފަރުވާއަކީ ދިގުމުއްދަތަކަށް އަލްސަރ ހުންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ. ނަމަވެސް، މި ފަރުވާ މަދުވެގެން 40 ދުވަހު ގަވާއިދުން ކުރިއަށް ގެންދަންޖެހެއެވެ. ހަނދާން ބަހައްޓަންޖެހޭ މުހިންމު ކަމަކީ، މިއީ ހަމައެކަނި އުނދަގޫތައް ލުއިކުރަން އެހީތެރިވެދޭ ފަރުވާއެއް ކަމާއި، މިއީ ބަލީގެ ފުރިހަމަ ފަރުވާއެއް ނޫން ކަމެވެ. ބަލި ބޮޑުވާނަމަ ނުވަތަ ދިގުލައިދާނަމަ، އަމިއްލައަށް ފަރުވާކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ބަލިން އަވަހަށް ފަސޭހަވުމަށްޓަކައި ބައެއް ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އެގޮތުން ކުޅި ކާތަކެއްޗާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބޭނުންކުރުމާއި ، އަދި ޑޮކްޓަރަކު އިރުޝާދު ދީގެން މެނުވީ ސްޓެރޮއިޑް ފަދަ ބޭސްތައް ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ. އޭގެ ބަދަލުގައި ޔޯގަޓް، މޭވާ، އަދި ފައިބަރ ގިނަ ކާތަކެތި ބޭނުންކުރުން އިތުރުކުރުމަކީ އަވަސް ޝިފާއަކަށް މަގުފަހިވާނެ ކަމެކެވެ.