ކުޅިވަރު

ސެންޓްރަލް ރީޖަން ލީގުގެ ފަހު ޖާގަ ކުޑަހުވަދޫއިން ހޯދައިފި

ސެންޓްރަލް ރީޖަން ލީގުގެ ފަހު ޖާގަ ކުޑަހުވަދޫއިން ހޯދައިފި

ކުޑަހުވަދޫގެ ކުޅުންތެރިއަކު މުލަކު ކުޅުންތެރިންގެ ކައިރިން ބޯޅަ ހިފައިގެން ދަނީ / ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޭޕްރީލު 2026، 06:52

26 އޭޕްރީލު 2026، 06:52

ރާއްޖޭގެ ފުޓުބޯޅަ ލީގު މުޅިރާއްޖެއަށް ފުޅާކުރުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ކުރިއަށް ގެންދާ ރީޖަނަލް ލީގުގެ ކޮލިފިކޭޝަން މިހާރު ކުރިޔަށްދާއިރު، ސައުތު ރީޖަނަލް ލީގުގެ ފަހު ޖާގަ ކުޑަހުވަދޫއިން ހޯދައިފިއެވެ.

ރީޖަނަލް ލީގުގެ ފަހު ޖާގަ ކުޑަހުވަދޫއިން ހޯދީ، ރީޖަނަލް ލީގުގެ ކޮލިފިކޭޝަން ބުރުގެ ޒޯން 2ގެ ސެމީފައިނަލްގައި މ. މުލަކާ ބައްދަލުކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވެފައި ވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކުޑަހުވަދޫއިން ކުރި ހޯދީ 4-3އިންނެވެ.

ސެންޓްރަލް ރީޖަންގެ ޒޯން 2ގެ ފައިނަލަށް ދެން ދަތުރުކޮށްފައި ވަނީ ދ. މީދޫއެވެ. ފައިނަލުން ޖާގަ ހޯދައި، ރީޖަނަލް ލީގުން މީދޫ ޖާގައެއް ކަށަވަރުކުރީ ހުކުރު ދުވަހު ކުޅުނު ސެމީފައިލް މެޗުގައި 2-1އިން ފ. ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކުޑަހުވަދޫ އާއި މީދޫގެ އިތުރުން ސެންޓްރަލް ރީޖަން ލީގުން ދެން ޖާގަ ހޯދާފައި ވަނީ ކ. ހުރާ އާއި އދ. މަހިބަދޫއެވެ. މި ދެ ޓީމަކީ ޒޯން 1ގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. ހުކުރު ދުވަހު މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ހުރާއިން ވަނީ 3-0އިން މަހިބަދޫ ބަލިކޮށްފައެވެ. 

ސެންޓްރަލް ރީޖަންގެ އިތުރުން، ނޯތު ރީޖަން ލީގުގައި ވާދަކުރާ ހަތަރު ޓީމު ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. އެގޮތުން އެ ލީގުގައި ވާދަކުރާނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މަނަދޫ އަދި ބ. އޭދަފުއްޓެވެ. ނޯތު ރީޖަންގެ ކޮލިފިކޭޝަން ބުރުގެ ޒޯން 1ގެ ގްރޫޕް ސްޓޭޖު މެޗުތައް ހޮނިހިރު ދުވަހު ނިމިފައިވާއިރު، އެ ޒޯންގައި ދެން އޮންނާނީ ފައިނަލް މެޗެވެ. އަދި ޒޯން 2ގެ ފައިނަލް އިއްޔެ ކުޅެފައިވާއިރު ނ. މަނަދޫއިން ވަނީ އޭދަފުށީ ދަނޑުގައި އެ ޓީމު 6-5އިން ބަލިކޮށް އެ ޒޯންގެ ޗެމްޕިއަންކަން ހޯދާފައެވެ. 

ސައުތު ރީޖަންގެ ޒޯން 1ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލ. ގަން / ފޮޓޯ: ގަން ރެކްރިއޭޝަން ކްލަބް

މި މުބާރާތުގެ ސައުތު ރީޖަނަލް ލީގުގައި މިއަދު މުހިންމު މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ފޭދޫ އާއި ހޯނޑެއްދޫއެވެ. ރީޖަނަލް ލީގުން ޖާގަ ހޯދުމަށް މި މެޗުން ހޯނޑެއްދޫއަށް ޖެހޭނީ ފޭދޫ ބަލިކުރާށެވެ. 

މި މުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ރީޖަންއެއްގެ ރީޖަނަލް ލީގު 4 ޓީމެއްގެ މެދުގައި ކުޅެ، ރީޖަނަލް ލީގުގެ ޗެމްޕިއަނުން ކޮލިފައި ވާނީ ދިވެހި ޕްރިމިއަރ ލީގުގެ ޕްލޭ-އޮފް ބުރަށެވެ. އެ ބުރުގައި 4 ރީޖަންގެ ޗެމްޕިއަނުންގެ އިތުރުން ދެން ވާދަކުރާނީ ދިވެހި ލީގުގެ 7ވަނަ އަދި 8ވަނައަށް ދިޔަ ޓީމުތަކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450