ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "އުފަކާރަ" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "އުފަކާރަ" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
26 އޭޕްރީލު 2026، 07:11
26 އޭޕްރީލު 2026، 07:11
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، "އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
"އުފަކާރަ" ތަމްރީން ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށް ދަސްކޮށްދިނުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހިންގާ ޕްރޮގްރާމެކެވެ.
މާލޭ ސިޓީގައި ހިންގި މި ޕްރޮގްރާމްގެ ނިންމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެރޭ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައެވެ.
އެ ރަސްމިއްޔާތުގައި ވަނީ، ޕްރޮގްރާމް ފުރިހަމަކުރި 19 ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އައނބިކަނބަލުންނެވެ. މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމްގައި ފެސިލިޓޭޓްކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ކަމަނާއެވެ.
2025ވަނަ އަހަރުގެ މެއި މަހު ފުވައްމުލަކު ސިޓީގައި ހިންގި "އުފަކާރަ" ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން "އުފަކާރަ" ޕްރޮގްރާމް ފެށީ 2017ވަނަ އަހަރެވެ. އަދި މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅުގައި މި ޕްރޮގްރާމް ވަނީ ހިންގާފައެވެ.
މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، އަލްފާޟިލާ ޤީލާ ޢަލީ ގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.