ދުނިޔެ
އީރާނާއި އެމެރިކާގެ އެއްބަސްވުމަކަށްފަހު ހޯރްމޫޒް ކަނޑުއޮޅި ސާފުކުރުމުގައި ތުރުކީން ބައިވެރިވެދާނެ ކަމުގެ އިޝާރާތެއް އެޤައުމުން ދީފި
ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން
އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ހޯރްމޫޒް ކަނޑުއޮޅީގައި ހުރި ކަނޑުގެ މައިންތައް ނައްތާލުމަށް ހިންގާ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ތުރުކީވިލާތުން ބައިވެރިވުމާ މެދު ވިސްނަފާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވިދާޅުވެއްޖެއެވެ.
ލަންޑަނުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިދާން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުމުން ކަނޑުއޮޅި ސާފުކުރުމަށް އެކުލަވާލާ ކޯލިޝަނެއްގައި ބައިވެރިވުމަށް ތުރުކީ އޮތީ "ތައްޔާރަށް" ކަމަށެވެ. އަދި މިއީ އިންސާނީ އެހީތެރިކަމުގެ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ނަމަވެސް، ފިދާން ފާހަގަކުރެއްވި ގޮތުގައި، އަލުން ހަމަނުޖެހުމެއް އުފެދިއްޖެ ހާލަތެއްގައި ތުރުކީއަކީ އެ ހަމަނުޖެހުމުގެ ބައިވެރިއެއްގެ ގޮތުގައި ފެންނާނެ ފަދަ އެއްވެސް އޮޕަރޭޝަނެއްގައި އަންކާރާއިން ބައިވެރިއެއް ނުވާނެއެވެ. އަދި ހަނގުރާމަ އަލުން ފެށިއްޖެނަމަ، ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ އެއްވެސް ދައުރެއް އަދާކުރުމުން ތުރުކީން ދުރުހެލިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިދާން ވިދާޅުވި ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި ވެވޭ ފުރިހަމަ އެއްބަސްވުމެއްގެ ދަށުން ހޯރްމޫޒް ކަނޑުއޮޅިން އެއްވެސް ފީއަކާ ނުލައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިވާންޖެހެއެވެ. އެހެން ނޫންނަމަ، މި މައްސަލައަށް ހައްލެއް ހޯދުމަށް ދެ ފަރާތުންވެސް އާ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެ ގައުމުގެ ހުއްދަނެތި ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ހަކަތައިގެ އަގުތައް އުފުލި، ތެލުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އޭޕްރީލް 8 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، ކަނޑުއޮޅި އަލުން ހުޅުވުމަކީ މަޝްވަރާތަކުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރެއްވި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ދާ އަދި އެ ބަނދަރުތަކުން އަންނަ އުޅަނދުފަހަރަށް އަމާޒުކޮށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދަނީ ދަމަހައްޓަމުންނެވެ.