ޚަބަރު
ގައުމީ މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ އިޖުތިމާއީ ޚިދުމަތްތެރިން ހޯދަން އިޢުލާނުކޮށްފި
އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ސެންޓަރ
ގައުމީ މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ އިޖުތިމާއީ ޚިދުމަތްތެރިން ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.
އެ ވުޒާރާއިން ވަނީ އިޖުތިމާއީ އިސް ނުވަ ޚިދުމަތްތެރިއަކު ހޯދުމަށް ފުރުސަތު ހުޅުވާލާފައެވެ.
މި މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ހާމަކުރަމުން އިޢުލާނުގައި ބުނެފައިވަނީ، އަސާސީ މުސާރައިގެ ގޮތުގައި 12,261 ރުފިޔާ ދޭއިރު، އިނާޔަތުގެ ގޮތުގައި 5,721 ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މަގާމުތަކެކެވެ.
މި މަގާމަށް އައްޔަންކުރެވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހެލްޕްލައިން މެދުވެރިކޮށް ހުށަހެޅޭ ނަފުސާނީ މައްސަލަތަކަށް އިޖާބަދިނުމާއި، ނަފުސާނީ ބަލި ހުންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ހެލްޕްލައިނަށް އަންނަ ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ރައްކާކުރުމަކީ ވެސް މި މަގާމުގެ ޒިންމާއެކެވެ.
އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ނަފުސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އެސެސްމަންޓު ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުމާއި، ބަލިމީހުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމަށް ވަކާލާތުކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ސިއްހީ އެމަޖެންސީތަކާއި ކާރިސާތަކުގައި އަމަލީގޮތުން ބައިވެރިވުން ވެސް ހިމެނެއެވެ.
ސިއްހަތާ ބެހޭ ވުޒާރައިން މި މަގާމުތަކަށް މީހުން ހޯދަން އިޢުލާނުކޮށްފައި މިވަނީ، ދާދިފަހުން ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ހުރި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.