ދުނިޔެ
އިސްރާއީލުން އުތުރު ފަލަސްތީނުގައި ވަޒަންވެރިކުރުވުމަށް އިންޑިއާގެ 240 މީހުން ގެނެސްފި
އިޒްރާއިލުން ގަދަކަމުން އަތުލައިގަނެފައިވާ ފަލަސްތީނުގެ ބިމުގައި ވަޒަންވެރިކުރުމަށް އިންޑިއާގެ ރައްޔިިތުންތަކެއް ގެންދިޔައުން
އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ އުތުރު ސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިންޑިއާގެ މަނީޕޫރާއި މިޒޯރާމް ސްޓޭޓަށް ނިސްބަތްވާ 240 މީހުން މި ހަފްތާގައި އެ ގައުމަށް ގެންގޮސްފިއެވެ.
މިއީ އެ ސަރަހައްދުގައި އާބާދުކުރުމަށް ރާވާފައިވާ އެތައް ހާސް ބައެއްގެ ތެރެއިން ފުރަތަމަ ބައެވެ.
އިސްރާއީލުގެ އިމިގްރޭޝަން އެންޑް އެބްސޯޕްޝަން މިނިސްޓަރު އޮފީރު ސޯފާ މި ހަރަކާތަކީ ތާރީޚީ ވަގުތެއް ގެ ގޮތުގައި ސިފަކޮށްފައިވެއެވެ. މި މީހުންނަކީ އިސްރާއީލުން ގަބޫލުކުރާ ގޮތުގައި ގަދީމީ ޔަހޫދީ ނަސްލަކާ ގުޅުން އޮންނަ ބްނެއި މެނާޝޭ މުޖުތަމައަށް ނިސްބަތްވާ ބައެކެވެ. ނަމަވެސް، މި ދައުވާއަށް ބާރުދޭ ތާރީޚީ ނުވަތަ ޖެނެޓިކް އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި މީހުން ގެނެސްފައިވަނީ "އޮޕަރޭޝަން ވިންގްސް އޮފް ޑޯން" ގެ ދަށުންނެވެ. މިއީ އިމިގްރޭޝަން މިނިސްޓްރީއާއި ޖުވިޝް އެޖެންސީ ފޯ އިސްރާއީލް ގުޅިގެން ހިންގާ ހާއްސަ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަގްސަދަކީ އިންޑިއާގެ އިރުއުތުރުގައި ދިރިއުޅޭ މި މުޖުތަމައުގެ ބާކީ ތިބި މީހުން އެއްކޮށް އިސްރާއީލަށް ބަދަލުކުރުމެވެ.
ކުރިއަށް އޮތް ހަފްތާތަކުގައި ތިން ބުރަކަށް ބަހާލައިގެން ޖުމްލަ 600 އެއްހާ މީހުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ގިނައީ ޒުވާން އާއިލާތަކެވެ. މި މީހުން ފުރަތަމަ ބައިތިއްބާނީ އުތުރު އިސްރާއީލުގެ އެބްސޯޕްޝަން ސެންޓަރުތަކުގައެވެ. އޭގެ ފަހުން އެމީހުން ޔަހޫދީ ދީނަށް ރަސްމީކޮށް ބަދަލުވުމުގެ މަރުހަލާތައް ފަށާނެއެވެ. މިއީ އިސްރާއީލުގެ "ލޯ އޮފް ރިޓާން" ގެ ދަށުން ރައްޔިތުކަން ހޯދުމަށް މަޖުބޫރު ކަމެކެވެ.
ބްނެއި މެނާޝޭ މުޖުތަމައަކީ އިންޑިއާގެ ކޫކީ ނަސްލަށް ނިސްބަތްވާ ބައެކެވެ. މި މީހުން ވާހަކަދައްކަނީ އިރުމަތީ އޭޝިއާގެ ބަސްތަކާ ގުޅުންހުރި ޓިބެޓޯ-ބާމަން އާއިލާގެ ބަސްބަހުންނެވެ. 20 ވަނަ ގަރުނުގެ ކުރީކޮޅު މި މުޖުތަމައުގެ ގިނަ ބަޔަކު ކްރިސްޓިއަން ދީނަށް ބަދަލުވި ނަމަވެސް، 1970 ގެ އަހަރުތަކުގައި އިސްރާއީލުގެ ދިރާސާވެރިން ވަނީ މި މީހުންގެ އާދަކާދަތަކާއި ޔަހޫދީ އާދަކާދަތަކާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ބުނެފައެވެ.
އިސްރާއީލުގެ ސަރުކާރުން ރާވާފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް މި މުޖުތަމައުގެ 6،000 މީހުން އެ ގައުމަށް ބަދަލުކުރުމަށެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ނިންމި ނިންމުމަކާ ގުޅިގެން ކުރިއަށްދާ މަސައްކަތެކެވެ. މިހާތަނަށް މި މުޖުތަމައުގެ ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކުރުވާފައެވެ.