ދުނިޔެ

އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޣައްޒާގެ 11 މީހަކު ޝަހީދުވެއްޖެ

އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޣައްޒާގެ 11 މީހަކު ޝަހީދުވެއްޖެ

އިސްރާއިލުން ޣައްޒާއަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2026، 02:20

26 އޭޕްރީލު 2026، 02:20

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް މިއަދު ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.

މީގެ ތެރޭގައި ޚާން ޔޫނިސްގައި ފުލުހުންގެ ވެހިކަލަކަށް ދިން ހަމަލާއެއް ވެސް ހިމެނެއެވެ. މިއީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައި ދިން ހަމަލާތަކެކެވެ.

ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާން ޔޫނިސްގައި ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި ހަތް މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ފުލުހުންނާއި، ފުލުހުންގެ ދެ އެހީތެރިންގެ އިތުރުން ތިން އާންމުން ހިމެނެއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާގެ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރީގައި ހުރި ގެތަކަކަށް ދިން ހަމަލާއެއްގައި އަންހެނަކާއި ކުޑަކުއްޖަކު ޝަހީދުވެ، ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން ފުލުސް ސްޓޭޝަން ކައިރިން ދަތުރުކުރި ފުލުހުންގެ ޕެޓްރޯލް ވެހިކަލަކަށް ދިން ހަމަލާއެއްގައި ވެސް ދެ ފުލުހުން ޝަހީދުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިންޓީރިއާ މިނިސްޓްރީން ވަނީ މަދަނީ ފުލުހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ މެދު ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، ހާއްސަކޮށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ހަމަ ހިމޭނުން ތިބޭތީ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، "މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބިފައިވާ މަދަނީ ބަޔަކަށް ދޭ ހަމަލާތަކެއް ކަމަށާއި، މިކަމަށް އެއްވެސް އުޒުރެއް ނެތް" ކަމަށެވެ.

މަންޒަރު ދުށް މީހުންނާއި ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ތިބެންޖެހޭ ސަރަހައްދުތަކުން ބޭރުގައިވާ ތަންތަނަށެވެ. 2025 އޮކްޓޯބަރުގައި ހަނގުރާމަ ހުއްޓާލުމުގެ ކުރިން ހިނގި ކުރިމަތިލުންތަކުގައި 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން އިސްރާއީލުން ވަނީ 2,400 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފައެވެ. މީގެ ތެރޭގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، އަދި ޣައްޒާ ބަންދުކޮށް ބަނޑަށް ޖެއްސުމުގެ ސިޔާސަތުތައް ހިމެނެއެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 972 މީހުން ޝަހީދުވެ، 2,235 މީހުން ވަނީ ޒަޚަމްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450