ކުޅިވަރު

މި ސީޒަނަށްފަހު ލެވަންޑޯސްކީ ބާސެލޯނާ ދޫކޮށްލަނީ

މި ސީޒަނަށްފަހު ލެވަންޑޯސްކީ ބާސެލޯނާ ދޫކޮށްލަނީ

ބާސެލޯނާއަށް ލެވަންޑޯސްކީ ވަނީ ގާތްގަނޑަކަށް 120 ގޯލު ކާމިޔާބުކޮށްދީފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޭޕްރީލު 2026، 07:44

27 އޭޕްރީލު 2026، 07:44

ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލަންޑުގެ ފޯވާޑު އަދި ދުނިޔޭގެ ތަރި ރޮބަޓް ލެވަންޑޯސްކީ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެކަމުގެ ވާހަކަތަކެއް ފެތުރިއްޖެއެވެ.

އުމުރުން 37 އަހަރުގެ ލެވަންޑޯސްކީ ބާސެލޯނާގެ ފޯވާޑެއްގެ ގޮތުގައި ގިނަ ގޯލުތަކެއް ޖަހައިދެމުން އައި ނަމަވެސް، ކުރިޔަށް ވިސްނައި އެ ކްލަބަށް ޒުވާން ފޯވާޑަކު ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. 

ސްޕެއިންގެ ނޫސްވެރިއަކު ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު މި ސީޒަން ނިމުމުން ލެވަންޑޯސްކީ އެ ކްލަބު ދޫކޮށްލާނެއެވެ. އަދި ލެވަންޑޯސްކީގެ ބަދަލުގައި ބާސެލޯނާއަށް އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ގަދަޔަށް ކުރިޔަށް ދިޔަނަމަވެސް، އިތުރު އެއް އަހަރު އެ ކްލަބުގައި މަޑުކުރުމަށް ބާސެލޯނާއިން އޭނާއަށް ހުށަހެޅިއެވެ. ނަމަވެސް އައު ކޮންޓްރެކްޓާއެކު މުސާރަ ކުޑަކުރުމަށާއި ކްލަބުގައި އޭނާގެ ދައުރު ކުޑަކުރުމަށް ހިމެނުމަށް ވިސްނާފައި ވާތީ، ބާސެލޯނާއާއެކު އައު އެއްބަސްވުމަކަށް ނުދިއުމަށް ލެވަންޑޯސްކީ ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ލެވަންޑޯސްކީގެ މި ނިންމުމާ ގުޅިގެން އިޓަލީގެ ޔުވެންޓަސް އާއި އޭސީ މިލާން އޭނާގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އެމެރިކާގެ މެޖާރ ލީގު ސޮކާގެ ޗިކާގޯ ފަޔާރއިން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ނަމަވެސް ޔޫރަޕްގައި މަޑުކުރުމަށް ލެވަންޑޯސްކީ ބޭނުންވާތީ، އެ ކްލަބާއެކު ގިނަ މަޝްވަރާތަކެއް ކުރިޔަށް ނުދާކަމަށް ވެއެވެ.

2022ވަނަ އަހަރު ބެޔާން މިއުނިކުން ބާސެލޯނާއަށް ބަދަލުވިފަހުން ލެވަންޑޯސްކީ ވަނީ ގާތްގަނޑަކަށް 120 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީފައެވެ. 

ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާއިން ބޭނުންވަނީ އެ ޓީމުގެ ފޯވާޑަކަށް އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ގެންދިއުމަށެވެ. އަދި އެތުލެޓިކޯއިން އަލްވަރޭޒް ގާތްގަނޑަކަށް 120 މިލިއަން ޔޫރޯއަށް އަގުކޮށްފައިވާއިރު، ބާސެލޯނާގެ މާލީ ކަންކަން ހުރިގޮތުން މިއީ އެ ކްލަބަށް ކުރުން ފަސޭހަ ކަމަކަށް ނުވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450