ޚަބަރު
ނައިފަރަށް ބިން އިތުރުކުރުމަށް ހިންގާ މަޝްރޫޢުގެ 70 އިންސައްތަ ނިމިއްޖެ
ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށްދަނީ / ފޮޓޯ: އެމްޓީސީސީ
ފާދިއްޕޮޅު ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލު ކުރުމުގެ ގޮތުން، އެ ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްގެންދާ މަޝްރޫޢުގެ 70 އިންސައްތަ ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ހާމަކޮށްފިއެވެ.
"އެކްސް"ގައި ކުރި ޕޯސްޓެއްގައި އެ މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތު ހާމަކުރަމުން އެމްޓީސީސީއިން ބުނީ، މުޅި މަޝްރޫޢުގެ 70 އިންސައްތަ ނިމިފައިވާއިރު، ބިން ހިއްކުމަށް ވެލި އެޅުމުގެ 95 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގައި ދެން އޮތީ ހިއްކި ސަރަޙައްދު ވަށައިގެން ބޮޑު ހިލައިގެ ރިވެންޓްމެންޓު ޖެހުމެވެ.
ނައިފަރަށް 44.8 ހެކްޓަރުގެ ބިން އިތުރުކުރުމަށް ކުރިޔަށްގެންދާ މި މަޝްރޫޢުގެ ރިވެންޓްމެންޓް ޖެހުމަށް ބޭނުންވާ ހިލަ ހިފައިގެން އެ ރަށަށް ފުރަތަމަ ބާޖު ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ހިއްކި ބިން ޙިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.
ބޮޑު ހިލައިގެ ރިވެންޓްމެންޓު ޖެހުމަށް ބޭނުންވާ ހިލައިގެ ޝިޕްމެންޓެއް ނައިފަރަށް ހުސްކުރަނީ / ފޮޓޯ: އެމްޓީސީސީ
ނައިފަރަކީ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށެކެވެ. އެހެންކަމުން އެ ރަށަކީ ސަރަޙައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުން ނިންމިއެވެ.
އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢު ފެށީ، މިދިޔަ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވެވި ދަތުރުފުޅުގައެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި މަޝްރޫޢުގެ އަގަކީ 679 މިލިއަން ރުފިޔާއެވެ.