ޚަބަރު
ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ކަރަންސީ އެއްބަސްވުމަކީ އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް
ކަރަންސީ އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ:މަނިޓަރީ
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ކަރަންސީ ސެޓްލްމަންޓް އެއްބަސްވުމަކީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރިޒަރވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) ގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.
މި އެއްބަސްވުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި ބައިނަލްއަޤްވާމީ މުހިންމު ބައިވެރިންނާއެކު ގުޅުން ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އަހަރަކު 500 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެއެވެ. މި އެއްބަސްވުމަކީ ވިޔަފާރީގެ ފުރުޞަތުތަކާއި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ވިޔަފާރިތަކަށް މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ޤައުމެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް، އެ ބިލްތަކުގެ ސެޓްލްމަންޓް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި ދިވެހި ރުފިޔާއާއި އިންޑިއާ ރުޕީސްއިން ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ މިއީ ތާރީޚީ އެއްބަސްވުމެއްކަމަށާއި، މީގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.
މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މުހިންމު މަޝްވަރާތަކުގެ ނަތީޖާއެކެވެ. އެ ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ކޮންމެ ޤައުމަކުން އެ ޤައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވި، އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތަޢާރަފްކުރެވުނެވެ.
މީގެ އިތުރުން، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރަފުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާއިން މުދާ ގެނައުމަށް ފަސޭހަވެ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެ ޤައުމުގައި މުދަލާއި ޚިދުމަތް ހޯދުމުގައި ފަސޭހަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދު ކުޑަވެ، ސެޓްލްމަންޓަށް ހިނގާ ވަގުތުވެސް އަވަސްވާނެ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.
Reserve Bank of India and Maldives Monetary Authority today signed and exchanged a Memorandum of Understanding for establishing a framework to promote the use of local currencies (INR and MVR), in the august presence of Governor, RBI @DasShaktikanta and Governor, MMA in Mumbai. pic.twitter.com/0qU8cRPsOv
— ReserveBankOfIndia (@RBI) November 21, 2024
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް އައު ހަރުފަތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްކެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްތައް އިތުރުވެ، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.