ޚަބަރު
އޮގަސްޓް މަހުގެ ނިޔަލަށް މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވޭނެ: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގެ ހުރިހާ އަތޮޅަކަށް އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ނުވަތަ "އާރުޓީއެލް" ފެރީގެ ޚިދުމަތް، މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާރުޓީއެލްގެ ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި، މިހާރު މި ޚިދުމަތް ނުދެވި ބާކީ އޮތީ ގާތްގަނޑަކަށް 4 އަތޮޅު ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ހުރި ދަތިތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެންމެ އަވަހަށް ޕޭކުރެވޭނެ ގޮތަކަށް އޮންޓައިމް ޕޭކުރެވޭނަމަ މިއަށްވުރެ އަވަހަށް ނިމިފައި ހުންނާނީ ހަޤީގަތުގައި. މިހާރު ގޮއްސަ އޮތް ހިސާބުން އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ޖުލައި، އޮގަސްޓް އާއި ހިސާބަށް ދާއިރަށް މި ބަލަނީ ބާކީހުރި ހުރިހައި އަތޮޅެއް ކަވަރ ކުރެވޭނެކަމަށް،
ރައީސް
މީގެ އިތުރުން، މިހާރު ޚިދުމަތް ދެމުންދާ އަތޮޅުތަކަށް ބޭނުންވާ އިތުރު ސްޕެއަރ އުޅަނދުތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2022 ވަނަ އަހަރު ފެށި އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ވަނީ 15 އަތޮޅެއްގެ 145 ރަށަކަށް ފުޅާކުރެވިފައެވެ. އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ މިދިޔަ މަހު ލ. އަތޮޅުގައެވެ. މިހާރު ޚިދުމަތް ނުފެށި އޮތީ މ. އަތޮޅުގެ އިތުރުން، ޒޯން 3 ގައި ހިމެނޭ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ.
ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް މި ސަރުކާރުން ދޭ ޚާއްޞަ އިސްކަމުގެ ދަށުން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ހުރިހާ އަތޮޅެއް ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ގުޅިގެން ބާރުމިނުގައި ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ