ޚަބަރު
ރައީސް މުޢިއްޒާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރި ފަރާތްތަކަށް ދައުވާކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ފެތުރި ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވައި، ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުން އެމަނިކުފާނާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅޭގޮތުން އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގުވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،
ރައީސުލްޖުމްހޫރިއްޔާ
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިންވެސް އެ ނޫހުން ވަނީ އެމަނިކުފާނަށް އަމާޒުކޮށް މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ހިމެނޭ ވީޑިއޯއެއް ތައްޔާރުކޮށްފައެވެ. އެހެންކަމުން، އެ މީޑިއާއިން މިފަދަ ކަންކަން ތަކުރާރުކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިންމާދާރުކަމާއެކު މީޑިއާތަކުން ޚަބަރު ފެތުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.