ޚަބަރު
ބުލީކުރުން ޖިނާއީ ކުށަކަށް ހަދަނީ: "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށްޓަކައި ހާއްސަ "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބުލީކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހުން މިހާރު ދަނީ ކަމާގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި އައު ގާނޫނުގެ ދަށުން ބުލީގެ އަމަލުތައް ކުށަކަށް ވާނެ ގޮތްތަކާއި، އެ ގާނޫނު ހިނގާނެ ދާއިރާތައް ސާފުކޮށް ބަޔާންކުރެވޭނެއެވެ. އޭގެ ތެރޭގައި ސުކޫލުތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން ވަޒީފާގެ މާހައުލާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނެއެވެ. އަދި އޮންލައިންކޮށް ކުރާ ބުލީ ނުވަތަ ސައިބަރ ބުލީން ހުއްޓުވުމަށްވެސް މި ބިލުގައި ހާއްސަ އިންތިޒާމުތަކެއް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމަށްޓަކައި، މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި،
ރައީސް
މި ބިލުގެ ދަށުން ސުކޫލުތަކުގައި ބުލީ ހުއްޓުވުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، މައްސަލަ ހުށަހަޅާނެ ސެންޓްރަލް އެޖެންސީއެއް ގާއިމުކުރުމުގެ އިތުރުން، ތައުލީމީ މަންހަޖުގެ ތެރެއިން މިކަމަށް ހޭލުންތެރިކުރުވުން ހިމެނެއެވެ. މީގެ ކުރިން، 2024 ވަނަ އަހަރު ގާނޫނުލްއުގޫބާތަށް ގެނެވުނު އިސްލާހުތަކުގައިވެސް އޮންލައިންކޮށް ކުރާ ބައެއް އަމަލުތައް ހުއްޓުވުމަށް ބަދަލުތަކެއް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ބުލީކުރުން ޖިނާއީ ކުށަކަށް ހެދުމާ ގުޅޭގޮތުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހްސާންވެސް ވަނީ ދާދި ފަހުން ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ބުލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގަމުންދާތީ، އާންމުން ދަނީ މިކަމަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މި ގާނޫނުގެ މަޝްވަރާތައް ނިންމައި، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށެވެ.