ޚަބަރު
މި އަހަރުގެ ފަހު ކުއާޓާއަށްދާއިރު މާލޭ ސަރަޙައްދުގައި 4 ޖީޕީ ކްލިނިކް ހުންނާނެ
މާލޭގައި ޤާއިމްކުރި ފުރަތަމަ ޖީޕީ ކްލިނިކް / ފޮޓޯ: މިހާރު
މާލޭގައި ޤާއިމްކުރަމުންދާ ޖެނެރަލް ޕްރެކްޓިސް ކްލިނިކްތައް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލައި ޚިދުމަތް ދޭން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ނޫސްވެރިއަކު ކުރެއްވެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގައި ޤާއިމްކޮށް މިހާރު ޚިދުމަތްދެމުންދާ ޖީޕީ ކްލިނިކްގެ އިތުރުން މާލޭގެ ތިން ސަރަޙައްދެއްގައި މި އަހަރު އެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށެވެ. އެގޮތުން ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ތަނާއި، ހުޅުމާލޭ ފޭސް-1 އަދި ފޭސް-2ގައި ޖީޕީ ކްލިނިކްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ރައީސް ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުރިހާ ޖީޕީ ކްލިނިކްތަކެއް ނިންމާލެވޭނެ ކަމަށެވެ.
"މީގެ އިތުރުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ޤާއިމްކުރާ ޖީޕީ ކްލިނިކްތައް ވެސް އަންނަ ޖުލައި މަސް ހިސާބުގައި ހުޅުވުމަށް ދަނީ މަސައްކަތް ކުރެވެމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރު ހުރިހާ ސިޓީއެއްގައި ވެސް ޖީޕީ ކްލިނިކްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު ދެން ޖީޕީ ކްލިނިކްތައް ޤާއިމްކުރާނީ އާރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގައިކަމަށް ވެސް ވިދާޅުވިއެވެ.
މި ކްލިނިކްތަކާއެކު، އާންމު ބަލިތަކާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރަންޖެހޭ ވަގުތު މަދުވެ، މިފަދަ ބަލިތަކުގައި މައި ހޮސްޕިޓަލަށް ދާންޖެހޭ މިންވަރު ވަދުވެގެން ދާނެއެވެ.
މި މޮޑެލްއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ބޭނުންކުރަމުންދާ މޮޑެލްއެކެވެ. މިކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލަކީ އާދައިގެ ބަލިތަކަށް ފަރުވާ ހޯދުމަށް މައި ހޮސްޕިޓަލްގެ ބަދަލުގައި ފެމިލީ ކްލިނިކްތަކަށް ދިއުމެވެ. މި އުސޫލަކީ ބަލިމީހުންނަށް ފަސޭހަ، އަދި ހޮސްޕިޓަލްތަކުގެ މަސައްކަތް ހަރުދަނާކުރުމަށް މުހިންމު އުސޫލެކެވެ.