ޚަބަރު
އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބަދަލު ގެނައީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: ވަޒީރު ސައީދު
ވަޒީރު ސައީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން / ފޮޓޯ: ޕީއެސްއެމް
މީގެ 60 ވަރަކަށް އަހަރު ކުރިން އެކުލަވާލައި، ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައި އޮތް އަސާސީ ކާބޯތަކެތީގެ ލިސްޓަށް މި ސަރުކާރުން ބަދަލު ގެނައުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިގެންދިޔަ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައި، އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިފަދައިން ވިދާޅުވީ، ނޫސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލީ ގޮތެއްގައި މިވާހަކައަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައެވެ. އެގޮތުން މިހާރުގެ ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ އެންމެ އަސާސީ ކާބޯތަކެއްޗަކީ ހަނޑޫ، ހަކުރު އަދި ފުށް ކަމުގައި ކަނޑައެޅިފައި އޮތްއޮތުން ބަދަލުކުރައްވަން ރައީސް ބޭނުންފުޅުވިކަމަށެވެ. އަދި މިކަމަށް އެންމެ ބާރު ދިން ސަބަބަކީ، ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ރާއްޖެއަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ އަގުތައް އުފުލިގެން ގޮސްފައިވުމުން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވުން ކަމުގައެވެ.
އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް ކުރެއްވި އެންމެ ފުރަތަމަ ކަމަކީ އަސާސީ ކާބޯތަކެތީގެ ލިސްޓު ބަދަލުކުރެއްވުމެވެ. އެއީ މި ޒަމާނަށް ބަލާއިރު ގެއެއްގައި ކައިބޮއި ހަދަން ހަމައެކަނި ބޭނުންކުރަނީ، ހަނޑުލާއި، ހަކުރާއި، އަދި ފުށް ނޫންކަމަށް ބައްލަވައިގެންނެވެ.
(ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ) އާއިލާއަކަށް ހަމައެކަނި ބޭނުން ވާނީ ހަނޑުލާ، ހަކުރާ، ފުށެއް ނޫނޭ މި ޒަމާނުގައި. މީގެ 60 އަހަރު ކުރިން އެކަން އޮތް ގޮތަކަށް ނޫނޭ މިހާރު އެކަން އޮންނަން ވާނީކީ. ހެންވީމާ ވިދާޅުވީ އިތުރުކޮށްދޭށޭ 10 ބާވަތެއްގެ ތަރުކާރީ، 10 ބާވަތެއްގެ މޭވާ، އަދި ގެއެއްގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ 3 ބާވަތެއް.
ވަޒީރު ސައީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި އެންގެވުމާ އެއްގޮތަށް، އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލީ ހެލްތު މިނިސްޓްރީ އަދި ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ކާބޯތަކެތީގެ ލިސްޓަށް ގެނައި ބަދަލާއެކު އެ ލިސްޓުގައި ޖުމްލަ 26 ބާވަތެއް ހިމަނައި، އެއީ ކޮންމެ ހާލަތެއްގައި ވެސް ރާއްޖެއިން ލިބެން ހުންނަން ޖެހޭނެ ތަކެތިކަމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.
އަދި މި ތަކެއްޗަކީ އެއިރެއްގައި ވިއްކޭނެ އެންމެ ހެޔޮ އަގެއްގައި ވިއްކަމުންދާ ތަކެތިތޯ ސަރުކާރުން ކަށަވަރުކުރަމަށް ވެސް ކެބިނެޓުން ނިންމައި އެކަން ތަންފީޒުކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، މި ދަނޑިވަޅަކީ ހަނގުރާމައާ ގުޅިގެން ތަކެތީގެ އަގުބޮޑުވުމާއި ތަކެތި ލިބުން ދަތި ދަނޑިވަޅެއް ނަމަވެސް، އަސާސީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ކަށަވަރުވެފައި މިއޮތީ، އެ ދުވަހު ސަރުކާރުން އެޅި ފިޔަވަޅުތަކުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.