ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުންތައް ޓްރަމްޕް މުރާޖައާ ކުރައްވަނީ
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުންތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ ޓީމުން މުރާޖައާ ކުރަން ފަށައިފިއެވެ.
އީރާނުން ހުށަހަޅާފައިވަނީ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ހަނގުރާމަ ނިމެންދެން ފަސްކުރުމަށެވެ.
ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޓްރަމްޕް ހޯމަ ދުވަހު އޭނާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާ ބައްދަލުކުރެއްވިއެވެ. ނަމަވެސް، ނިއުކްލިއާ މަޝްވަރާތައް ފަސްކުރަން ހުށަހަޅާފައިވާތީ ޓްރަމްޕް އެކަމާ ހިތްޕުޅުހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޓްރަމްޕް ބޭނުންފުޅުވަނީ ކޮންމެ މަޝްވަރާއެއްގެވެސް ފެށުމަކީ ނިއުކްލިއާ މައްސަލަ ކަމުގައި ހެދުމަށެވެ. އެމެރިކާގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ނިއުކްލިއާ މައްސަލައަށް ހައްލެއް ނުލިބި ބަނދަރުތަކުގެ ބްލޮކޭޑް ދޫކޮށްލުމަކީ ވޮޝިންޓަނުގެ ބާރު ކުޑަވެގެންދާނެ ކަމެކެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ސެއިންޓް ޕީޓަސްބާގްގައި ބައްދަލުކުރައްވައި، މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީރާނުން ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަރަގްޗީ ވިދާޅުވީ އީރާނުން ޑިޕްލޮމެސީގެ ދޮރުތައް ބަންދު ނުކުރާ ކަމަށާއި، ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ދަމަހައްޓާހާ ހިނދަކު މަޝްވަރާގެ މޭޒަށް ނާންނާނެ ކަމަށެވެ.
ބައިނަލްއަގުވާމީ ކަންބޮޑުވުން
ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާވެ، ދުނިޔޭގެ ކާބޯތަކެތީގެ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ދެއްވާފައެވެ. ގުޓަރޭޒް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ މި ކަނޑުއޮޅިން ދަތުރުކުރާއިރު، މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ނާޒުކު ހާލަތްތަކުގައި ތިބި ގައުމުތަކަށެވެ.
ބަހްރޭނުން އިސްނަގައިގެން، ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާ ގިނަ ގައުމުތަކެއްގެ ތާއީދާއެކު އދ. ގެ ސަލާމަތީ މަޖިލީހުގައި މި މައްސަލަ ވަނީ މަޝްވަރާކޮށްފައެވެ. ބަހްރޭނުން ބުނެފައިވަނީ ކަނޑުއޮޅި ބަންދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، އުޅަނދުފަހަރަށް ދޭ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
މި މައްސަލައިގައި ސަލާމަތީ މަޖިލީހުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ކަނޑުއޮޅި ހުޅުވާލުމަށް ގޮވާލައި މީގެ ކުރިން ހުށަހެޅި ގަރާރެއް ޗައިނާއާއި ރަޝިޔާއިން ވަނީ ހުއްޓުވާފައެވެ. ރަޝިޔާއިން ބުނަމުންދަނީ މި ހުރިހާ މައްސަލައެއްގެ އަސްލަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ކަމަށެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އިސްރާއީލާއި ލުބުނާނުގެ ހަނގުރާމަވެސް ހިމެނޭއިރު، މުޅި ސަރަހައްދުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.