ދުނިޔެ
އިސްރާއިލުން ހައްޔަރުކޮށްގެން ގެންގުޅު ޣައްޒާގެ 15 މީހަކު ދޫކޮށްލައިފި، ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ވަރަށް ގިނަ
ދޫކޮށްލި އަސީރުންގެ ތެރެއިން ތިން މީހަކު
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ހައްޔަރުކުރި 15 ފަލަސްތީނު މީހަކު އާދީއްތަ ދުވަހު ދޫކޮށްލައިފިއެވެ.
ދޫކޮށްލި މީހުންގެ ހަށިގަނޑުން ބަނޑުހައިހޫނުކަމުގެ އަސަރުތަކާއި، އަނިޔާކޮށްފައިވާ ކަމުގެ ސާފު ނިޝާންތައް ފެންނަން ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލޯކަލް މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި މި މީހުން ދޫކޮށްލާފައިވަނީ ދެކުނުގެ ކަރަމް އަބޫ ސާލިމް ބޯޑަރު ހުރަސްކޮށެވެ. ދޫކޮށްލި މީހުންނަށް މިހާރު ދަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަގްސާ މާޓިއާސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މަންޒަރުދުށް މީހުންނާއި ނޫސްވެރިން ބުނާ ގޮތުގައި ދޫކޮށްލި މީހުން ތިބީ ވަރަށް ބޮޑަށް ހިކި އަނބުރާލާފައި، ވަރުބަލިވެފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު މީހުންނަށް ނިޒާމީ ގޮތެއްގައި އަނިޔާކުރާ ކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ. މީގެ ތެރޭގައި 24 ގަޑިއިރު ބިޑިއަޅުވާފައި ބޭތިއްބުމާއި، ކާންބޯން ދިނުމުގައާއި ނިދުމުގައިވެސް މިނިވަންކަމެއް ނުދިނުން ހިމެނެއެވެ. މީގެ އިތުރުން ގާޑުންގެ ފަރާތުން ލިބޭ އަނިޔާތަކާއި، ސާފުތާހިރުކަން ކުޑަވުމާއި، ބޭސްފަރުވާގެ އެހީތެރިކަން ނުދިނުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބީޓްސެލެމްއިން އޮގަސްޓް 2024 ގައި ބުނެފައިވަނީ، އިސްރާއީލުން ހިންގަނީ "އަނިޔާކުރާ ކޭމްޕްތަކެއް" ކަމަށާއި، އެތަންތަނުގައި ޖިންސީ ފުރާވަރާއި ބޮޑެތި އަނިޔާތައް ކުރަމުންދާ ކަމަށެވެ. 2023 އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ބަންދުގައި ތިއްބާ 98 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ ފަހަރަކު އަސީރުން ދޫކޮށްލާއިރު، އެމީހުންގެ ހަށިގަނޑުން ފެންނަނީ އެމީހުންނާ މެދު ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ އަސަރުތައް ކަމަށެވެ. މިއީ އަސީރުންގެ ތާރީޚުގައި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަސްވަރު ކަމަށްވެސް އެ ޖަމިއްޔާއިން ސިފަކުރެއެވެ.
ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގައި 9،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 90 އަންހެނުންނާއި 350 ކުޑަކުދިން ހިމެނެއެވެ.