ދުނިޔެ
އެމެރިކާއިން އީރާނުގެ ކަނޑުތައް ބަންދުކުރި ކުރުން ނިމުމަމަކަށް ގެންނަނަމަ އީރާނުން ހޮރްމުޒް ހުޅުވަން ތައްޔާރު
ހޮރްމޫޒް ކަނޑު އޮޅި. ފޮޓޯ:ރޮއިޓާސް
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ކަމަށް އެ ސަރަހައްދުގެ ދެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ހަަމަމިއާއެކު އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް ފަހުގެ މަރުހަލާއަކަށް ފަސްކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް އެ ދެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ޕާކިސްތާން މެދުވެރިކޮށް އެމެރިކާއަށް ހުށަހެޅި މި ހުށަހެޅުން ގަބޫލުކުރެއްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާނެ ކަމެއްކަމަށް ނުބެލެވޭ ކަމަށް މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.
މި ހުށަހެޅުމުގެ ސަބަބުން، ފެބްރުއަރީ 28 ގައި ހަނގުރާމައަށް ދިއުމަށް އެމެރިކާ އާއި އިސްރާއީލުން ދެއްކި ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބެއެވެ. ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅިއާ މެދު އެމެރިކާ އާއި އީރާނާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މަގްސަދަކީ އީރާނުން ތެޔޮ ވިއްކުން ހުއްޓުވައި، އެ ގައުމަށް ލިބޭ މުހިންމު އާމްދަނީ ކަނޑާލުމެވެ. އަދި ތެޔޮ ރައްކާކުރާނެ ތަނެއް ނެތުމުގެ ސަބަބުން ތެޔޮ އުފެއްދުން ހުއްޓާލަން ޖެހޭ ފަދަ ހާލަތެއް ތެހެރާނަށް މެދުވެރިކުރުވުމެވެ. މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ޓްރަމްޕަށް ވަނީ ފިއްތުންތައް ކުރިމަތިވެފައެވެ.
އެއީ މުހިންމު މިޑްޓާމް އިންތިޚާބުތައް ބޯމަތިވެފައި ވަނިކޮށް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ އާއި، އެ ކަނޑުއޮޅި ބޭނުންކޮށްގެން ތެލާއި ގޭސް އެކްސްޕޯޓްކުރާ ގަލްފުގެ ބައިވެރިންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީއެވެ.
މީގެ އިތުރުން، ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއްކޮށް، ގަސްކާނާ އާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފައެވެ. އީރާނުގެ ހުށަހެޅުމުގައި ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް ފަހުގެ ތާރީޚަކަށް ފަސްކުރުމަށެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ހަނގުރާމައަށް ދިޔަ މައިގަނޑު އެއް ސަބަބަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. މި ހުށަހެޅުމުގެ މައުލޫމާތު ލިބިފައިވާ ދެ އޮފިޝަލުން މި ވާހަކަތައް ހިއްސާކުރެއްވީ، މި ހަފުތާ ބަންދުގައި އީރާނާއި ޕާކިސްތާނުގެ އޮފިޝަލުންގެ މެދުގައި ކުރިއަށްދިޔަ ސިއްރު މަޝްވަރާތަކުގެ ތަފްސީލު ހާމަނުކުރުމުގެ ޝަރުތުގެ މަތިންނެވެ.
އީރާނުގެ މި ހުށަހެޅުމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ އެކްސިއޯސް (Axios) ނިއުސް އައުޓްލެޓުންނެވެ. މި ހުށަހެޅުން އައިސްފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު، ތެހެރާނުގެ އެންމެ ގާތް އެއް ބައިވެރިޔާ ކަމަށްވާ ރަޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ.
މި ދަނޑިވަޅުގައި މޮސްކޯއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނުވެއެވެ. ޕާޝިއަން ގަލްފުގެ ހަނި ދޮރާށި ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުވުމުގެ ގާބިލުކަން އީރާނަށް ލިބިފައިވުމަކީ، ކޮންމެ ފަރާތަކަށް މާ ބޮޑު ތަދެއް ތަހައްމަލު ކުރެވިދާނެތޯ ބަލާ މި ހަނގުރާމައިގައި އެ ގައުމަށް ލިބިފައިވާ އެންމެ ބޮޑު އެއް ސްޓްރެޓީޖިކް ކުރިއެރުމެވެ.
ހަނގުރާމަ ފެށުނީއްސުރެ ތެލުގެ އަގު ދަނީ މެދުނުކެނޑި އުފުލެމުންނެވެ. އަދި ސާފުނުކުރާ ތެޔޮ ބަރުކޮށްފައިވާ ޓޭންކަރުތައް، ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކޮށް ދުނިޔޭގެ ބާޒާރުތަކަށް ނުދެވި، ޕާޝިއަން ގަލްފު ތެރޭގައި ވަނީ ތާށިވެފައެވެ.
ހޯމަ ދުވަހު، ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 108 ޑޮލަރުގައެވެ. މިއީ ހަނގުރާމަ ފެށުނުއިރު ހުރި އަގަށްވުރެ ގާތްގަނޑަކަށް 50 އިންސައްތަ އިތުރު އަދަދެކެވެ.
އޭޕްރިލް 7 ގައި އެމެރިކާ އާއި އީރާނުން އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު، ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ. މީގެ ސަބަބުން ހަނގުރާމައިގެ ހަމަލާތައް ބޮޑުތަނުން ހުއްޓިފައިވީ ނަމަވެސް، އެތައް ހާސް ބަޔަކު މަރުވެފައިވާ މި ހަނގުރާމައަށް ދާއިމީ ހައްލެއް އަދިވެސް ވަނީ ނުލިބިފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އޭޖެންސީ، އިރްނާ (IRNA) އިން ބުނި ގޮތުގައި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޯމަ ދުވަހުގެ ހެނދުނު ސެއިންޓް ޕީޓަރސްބާގަށް ވަޑައިގަތީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރެއްވުމަށެވެ.
"މިއީ މި މުއްދަތުގެ ތެރޭގައި ހަނގުރާމައާ ގުޅިގެން ހިނގާފައިވާ ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެންގެ ރަޝިޔާގެ ރަހުމަތްތެރިންނާ މަޝްވަރާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" އިރްނާ އިން އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވިއެވެ.
މިކަން މިގޮތަށް މި ހިނގަނީ، އީރާނާއި އެމެރިކާއާ ދެމެދު ހުއްޓިފައިވާ މަޝްވަރާތައް އަލުން ފެށުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ހަފުތާ ބަންދުގައި އިސްލާމްއާބާދުގައި މަޝްވަރާތައް ބޭއްވުމަށް އޮތީ ރޭވިފައެވެ.
ނަމަވެސް، އޭގެ ބަދަލުގައި ޓްރަމްޕް ވަނީ އޭނާގެ މަންދޫބުން ކުރަން އޮތް ދަތުރު ކެންސަލް ކުރައްވައި، ފޯނުން މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށް ވިދާޅުވެފައެވެ. މި ހަފުތާ ބަންދުގައި އަރަގްޗީ ވަނީ ޕާކިސްތާނުގެ ދެ ސަރަހައްދަކަށާއި، އީރާނާއެކު ކަނޑުއޮޅި ހިއްސާކުރާ އޮމާނަށް ޒިޔާރަތް ކުރައްވާފައެވެ.
މީގެ އިތުރުން، އާދީއްތަ ދުވަހު އޭނާ ވަނީ ގަތަރާއި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނާ ފޯނުން ވާހަކަދައްކަވާފައެވެ. މި މައުލޫމާތު ހާމަކުރުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި ސަރަހައްދީ އޮފިޝަލަކު ބުނި ގޮތުގައި، އީރާނުން ބޭނުންވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމުގެ ނިޒާމަކަށް ތާއީދު ހޯދުމަށް އޮމާނަށް ބާރުއެޅުމަށެވެ. މިކަމާ ގުޅޭގޮތުން އޮމާނުން ދިން ޖަވާބެއް އަދި ސާފެއް ނުވެއެވެ.
ސުލްޙަ ގާއިމުކުރުމުގެ މަސައްކަތުގައި ބައިވެރިވާ އެ އޮފިޝަލް އިތުރަށް ބުނި ގޮތުގައި، އީރާނުން ބާރުއަޅަނީ އާ މަޝްވަރާތަކެއް ފެށުމުގެ ކުރިން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށެވެ. އަދި ޕާކިސްތާނުން އިސްވެ މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ދަނީ ދެ ގައުމުގެ ދެމެދުގައި ހުރި ބޮޑެތި ހިޔާލުތަފާތުވުންތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.
ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ މަންދޫބުން ޕާކިސްތާނަށް ކުރަން އޮތް ދަތުރު ކެންސަލް ކުރެއްވުމުން، އީރާނުން "މާ ރަނގަޅު" ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށެވެ. އޭނާ އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ނަމަވެސް އޭނާގެ އެއް ޝަރުތަކީ އީރާނުން "ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން" ކަމަށް ބާރުއަޅުއްވައި ވިދާޅުވިއެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެކަމަކު އެމެރިކާ ބޭނުންވަނީ އީރާނުން ބޮން އުފެއްދުމަށް ބޭނުންކުރެވިދާނެ، މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކޮށްފައިވާ މިންވަރު ނައްތާލުމަށެވެ.
ހަނގުރާމަ ފެށުނު ފަހުން އީރާނުން މަދުވެގެން 3,375 މީހުން މަރުވެފައިވާއިރު، ލުބުނާނުން މަދުވެގެން 2,509 މީހުން ވަނީ މަރުވެފައެވެ. ލުބުނާނުގައި އިސްރާއީލާއި އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތާ ދެމެދު ކުރިމަތިލުންތައް އަލުން ފެށުނީ އީރާނު ހަނގުރާމަ ފެށުނުތާ ދެ ދުވަސް ފަހުންނެވެ. އިސްރާއީލުން އިތުރު 23 މީހުން މަރުވެފައިވާއިރު، ގަލްފުގެ އަރަބި ގައުމުތަކުން 12 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ލުބުނާނުގައި އިސްރާއީލުގެ 15 ސިފައިންނާއި، އެ ސަރަހައްދުގައި އެމެރިކާގެ 13 ސިފައިން އަދި ދެކުނު ލުބުނާނުގައި އދ. ގެ ސުލްހަ ބަލަހައްޓާ 6 މީހަކު ވަނީ މަރުވެފައެވެ.
އިސްރާއީލާއި ހިޒްބުالله އާ ދެމެދު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ވަނީ ތިން ހަފުތާއަށް އިތުރުކޮށްފައެވެ. ވޮޝިންގޓަނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަޝްވަރާތަކުގައި ހިޒްބުالله އިން ބައިވެރިއެއް ނުވެއެވެ.