ޚަބަރު
އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިންގެ ޚާއްޞަ އެވޯޑު ވަޒީރު އިރުތިޝާމަށް
ވަޒީރު އިރުތިޝާމް---
އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިނުން ހޮވާ ޑިޕްލޮމެޓް އޮފް ދަ އިޔަރ 2026ގެ މަޤާމު، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއަށް ލިބިވަޑައިގެންފިއެވެ.
ޕަބްލިކޭޝަންގެ މަސައްކަތުގައި 79 އަހަރު ވެފައިވާ ޑިޕްލޮމެޓިކް މެގަޒިނުން އަންނަނީ އަހަރަކު އެއްފަހަރު މި އެވޯޑު ދެމުންނެވެ. އަދި މި ނޫސް މަޖައްލާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ޑިޕްލޮމެޓުންގެ މެދުގައި ވަރަށް މަޤުބޫލު މަޖައްލާއެކެވެ.
އެގޮތުން މި އެވޯޑަކީ ވެސް އެ ޤައުމުގައި ޤާއިމްވެ ތިބޭ 180 ޤައުމަށް ނިސްބަތްވާ ޑިޕްލޮމެޓުންގެ ތެރެއިން ހޮވަމުން އަންނަ ޒަމާންވީ އެވޯޑެކެވެ.
ޕްލޮމެޓިކް މެގަޒިންއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އިރުތިޝާމް އާދަމަށް މިއެވޯޑު ލިބިވަޑައިގަތީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހުންނަވާ ކުރެއްވި މުހިއްމު މަސައްކަތްތައް ފާހަގަކުރުމަށްފަހު ކަމަށެވެ.
2026 #Diplomat of the Year for #Asia & Oceania Award to #HighCommissioner of #Maldives @IruthishamAdam @MDVinUK Now their Minister of Foreign Affairs. Sponsored by @daylesfordfarm Presented by Rupert Lane #DiplomatAwards2026 @UKinMaldives @MoFAmv
— DIPLOMAT Magazine (@LondnDIPLOMAT) April 27, 2026
ވަޒީރު އިރުތިޝާމް އެ މަޤާމު އަދާކުރެއްވީ 2024 ވަނަ އަހަރުގެ މެއި މަހުން ފެށިގެން، މި މަހު އެ ކަމަނާ ހާރިޖީ ވަޒީރަކަށް ހަމަޖެއްސުމާ ހަމައަށެވެ.
އިގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގައި ހުންނަވާ އެކަމަނާވަނީ، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއާއި މޫސުމީ ބަދަލުތަކާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކާއި ގުޅޭގޮތުން މުހިއްމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.