ކުޅިވަރު
ޔޫރަޕިއަން ފުޓުބޯޅައިގެ ހަގީގީ ފޯރި ދައްކާލުމަށްފަހު ޕީއެސްޖީއިން ބެޔާންއާ ދެކޮޅަށް ހަނި މޮޅެއް ހޯދައިފި
ޕީއެސްޖީގެ ގޯލަކަށްފަހު އޮސްމަން ޑެމްބެލޭ އާއި ޑެޒީރޭ ޑޮއޫ އުފާފާޅުކުރަނީ/ ފޮޓޯ: ގެޓީ
ޔޫރަޕިއަން ފުޓުބޯޅައިގެ ހަގީގީ ފޯރި ފެނިގެންދިޔަ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި، މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) އިން ބެޔާން މިއުނިކާ ދެކޮޅަށް ހަނި މޮޅެއް ހޯދައިފިއެވެ.
މި މެޗަށް ނިކުތްއިރު، ދެ ޓީމަކީ ވެސް މި އަހަރުގެ މުބާރާތުގައި އެންމެ ގިނައިން ގޯލު ކާމިޔާބުކޮށްފައިވާ ދެ ޓީމެވެ. އެގޮތުން ކޮންމެ ޓީމެއް ވަނީ 38 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ދެ ޓީމަކީ ވެސް އިދިކޮޅު ޓީމުގެ ހާފުގައި ބިރެއް ނެތި މޮޅަށް ކުޅޭ ދެ ޓީމުކަން މި މެޗުން ވެސް ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ.
ފްރާންސްގެ ޕާކް ޑި ޕްރިންސެސްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ބެޔާން މިއުނިކެވެ. ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލުއިޒް ދިއާޒްއަށް ކުރި ފައުލަށް ލިބުނު މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އެއީ ކޭން މި ސީޒަންގައި ކާމިޔާބުކުރި 54ވަނަ ގޯލެވެ.
ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޕީއެސްޖީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ، މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިޗާ ވަރަޝޭލިއާއެވެ. ބެޔާންގެ ޑިފެންޑަރު، ޖޯސެފް ސްޓެނިސިޗް ކައިރިން ނައްޓާލުމަށްފަހު ވަރަޝޭލިއާ ބޯޅަ ފޮނުވާލީ ދުރުކަނަށެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން އޭނާ ކާމިޔާބުކުރި ހަވަނަ ގޯލު ވެސް މެއެވެ.
ފުރަތަމަ ހާފުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީއިން ލީޑު ނެގައިދިނީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ޕޯޗުގަލްގެ ޒާއޯ ނަވާޒްއެވެ. އޭނާ ވަނީ މި މުބާރާތުގެ ލީގު ފޭސްގައި ވެސް ބެޔާން ކޮޅަށް ގޯލެއް ކާމިޔާބުކޮށްފައެވެ.
އެ ގޯލަށް ފަހު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބެޔާންއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މައިކަލް އޮލީސޭގެ ހަލުވި ހަރަކާތްތަކެއް ދައްކާލުމަށްފަހު ޕީއެސްޖީގެ ގޯލް އޭރިއާ ތެރެއަށް ވަދެ، އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރާނެ ފުރުސަތެއް ޕީއެސްޖީގެ މެޓްވެއި ސިފޮނޯވްއަކަށް ނުލިބުނެވެ.
ނަތީޖާ އެއްވަރުވެފައި އޮވެގެން ހާފް ނިމެނިކޮށް ޕީއެސްޖީއަށް އަލުން އަނބުރާ ލީޑު ލިބުނީ، ބެޔާންގެ ފުލްބެކް، އަލްފޮންސޯ ޑޭވިސްގެ އަތުގައި އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. ވީޑިއޯ އެސިސްޓެން ރެފްރީގެ އެހީގައި އެއީ ޕެނަލްޓީ އެއް ކަމަށް ކަނޑައެޅުމުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ އޮސްމަން ޑެމްބެލޭއެވެ.
ދެވަނަ ހާފު ޕީއެސްޖީން ފެށީ ވަރަށް ހަލުވި ކޮށެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ކުރީކޮޅު ދެ މިނެޓުގެ ތެރޭގައި ވަރަޝޭލިއާ އާއި ޑެމްބެލޭ ކާމިޔާބުކުރި ގޯލުތަކުން، ޕީއެސްޖީއަށް 3 ގޯލުގެ ލީޑެއް ލިބުމެވެ.
ބެޔާން މިޔުނިކުން ވަނީ ޕީއެސްޖީން ނެގި ތިން ގޯލުގެ ލީޑު ހަނކޮށް، ސީޒަންގައި 3 ތަށި ހޯދުމަށް ކުރާ މަސައްކަތުގައި އުއްމީދު އައުކޮށްފައި / ފޮޓޯ: ގެޓީ
މި ގޯލުތަކާއެކު، ފުރަތަމަ ލެގުން ބެޔާން މިއުނިކްމުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެ ފަދަ އިހުސާސެއް ގެނުވިއެވެ. ނަމަވެސް އޭގެ 8 މިނެޓު ފަހުން ބެޔާންއިން އަލުން ހިތްވަރު ހޯދިއެވެ. އެގޮތުން ލިބުނު ހިލޭ ޖެހުމެއްގައި ޑެޔޮޓް އުޕަމެކާނޯގެ ބޮލުގައި ކޭތިލުމަށްފަހު ގޯލަށް ވަތް ބޯޅަ އާއި، އޭގެ 3 މިނެޓު ފަހުން ލުއިޒް ދިއާޒް ކާމިޔާބުކުރި ގޯލާއެކު، ބެޔާން މިއުނިކުން ޕީއެސްޖީގެ ލީޑު 1 ގޯލަށް ކުޑަކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިޒް އެންރީކޭ ބުނީ، މިހާ ފޯރިގަދަކޮށް ކުރިޔަށްދިޔަ މެޗެއް މީގެ ކުރިން ނުދެކޭ ކަމަށާއި، 3 ގޯލުގެ ލީޑެއް އިދިކޮޅު ޓީމުން ނެގުމުން، އަނބުރާ މެޗުގެ ތެރެއަށް ވަދެވޭނީ އުނދަގޫ ބޮޑެތި ނިންމުންތައް ދަނޑުމަތިން ނިންމައިގެން ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑާއި އާސެނަލްއެވެ. ސްޕެއިންގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރުއެވެ.