ކުޅިވަރު

ކުރީގެ އަނބިމީހާއާ ގުޅޭ ކަންތައްތަކެއް ފެންމަތިވުމުން، މިސްރުގެ ކޯޗުގެ މަގާމުން ހައްސާމް ވަކިކޮށްފި

ކުރީގެ އަނބިމީހާއާ ގުޅޭ ކަންތައްތަކެއް ފެންމަތިވުމުން، މިސްރުގެ ކޯޗުގެ މަގާމުން ހައްސާމް ވަކިކޮށްފި

މިސްރުގެ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު ހައްސާމް---

farudhun logo

ފަރުދުން

09 ނޮވެމްބަރު 2026، 09:04

09 ނޮވެމްބަރު 2026، 09:04

އަމިއްލަ ދިރިއުޅުމާއި ކައިވެންޏާ ގުޅިގެން ފެންމަތިވެފައިވާ ގިނަ މައްސަލަތަކެއްގެ ސަބަބުން، ގައުމީ ޓީމުގެ އަގުވެއްޓި ހަމަޖެހުން ގެއްލެމުންދާ ކަމަށް ބުނެ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހައްސާމް ހަސަން މަގާމުން ވަކިކޮށްފިއެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ހައްސާމްއާ އޭނާގެ ކޯޗިން ސްޓާފުން ވަކިކުރަން ނިންމީ ފަހަކަށް އައިސް ހިނގާދިޔަ ކަންކަމުގެ ސަބަބުން ގައުމީ ޓީމުގެ ތަސައްވުރަށާއި ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ ކަމަށެވެ. އަދި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޓީމުގެ ހަމަޖެހުން ގާއިމުކުރުމަށް ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ. ހައްސާމްގެ ބަދަލުގައި އެ ގައުމުގެ ސެރަމީކާ ކްލިއޯޕެޓްރާގެ ކޯޗު، އަލީ މާހިރު ވަނީ މިސްރުގެ އައު ކޯޗަކަށް ހަމަޖައްސާފައެވެ.

މި ނިންމުން ނިންމާފައި މިވަނީ ހައްސާމްގެ ޒާތީ ދިރިއުޅުމާއި ކުރީގެ އަނބިމީހާއާ ގުޅޭ މައްސަލަތަކެއް ފެންމަތިވެ، މީޑިއާތަކަށް އެރުން މިސްރުގެ މީޑިއާ ރެގިއުލޭޓަރީ ކައުންސިލުން އޭނާއަށް މަނާކުރިތާ ތިން ދުވަސް ފަހުންނެވެ. ޚަބަރުތައް ބުނާގޮތުގައި ހައްސާމްގެ ވަކީލުން ވަނީ އޭނާގެ ކުރީގެ އަނބިމީހާ ދީނާ މުސްތަފާއާ ދެކޮޅަށް ރަސްމީ ލިޔެކިޔުންތައް ފޯޖުކުރުމާއި، އެއްފަހަރާ ދެ ކައިވެނި ކޮށްގެން އުޅުނު ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް، ދީނާގެ ފަރާތުން މި ތުހުމަތުތައް ދޮގުކުރެއެވެ.

މީގެ އިތުރުން، ދަނޑުމަތީގައިވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު އެންގޯލާއާ ދެކޮޅަށް ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން މެޗުގައި، ޓީމުގެ ތަރި މުހައްމަދު ސަލާހު 60 ވަނަ މިނެޓުގައި ބަދަލުކުރުމުން މައްސަލަ ހޫނުވިއެވެ. އެއަށްފަހު ސަލާހު ވަނީ ގައުމީ ކޭމްޕް ދޫކޮށް ގޮސްފައެވެ. އެކަމާ ގުޅިގެން އީއެފްއޭ އިން ބުނީ ސަލާހު އާޓިފިޝަލް ވިނައިގައި ކުޅެން ބޭނުންނުވާތީ ޖެހިގެން އައި ދެކުނު ސޫދާން މެޗުގައި ނުކުޅެ ދޫކޮށްލީ ކަމަށެވެ. އެ މެޗު މިސްރުން ކާމިޔާބުކުރީ 5-0 އިންނެވެ.

އަދި މީގެ ކުރިން ވޯލްޑް ކަޕުގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ރެފްރީއަށް ފާޑުކިޔުމުން ފީފާއިން ވަނީ އޭނާއަށް ތިން މެޗުގެ ސަސްޕެންޝަނެއްވެސް ދީފައެވެ.

މާޗު 2024 ގައި މިސްރުގެ ކޯޗުކަމާ ހަވާލުވި ކުރީގެ މަޝްހޫރު ފޯވާޑް ހައްސާމް ވަނީ 2026 ގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް އެ ގައުމު ގެންގޮސްދީ، އެ މުބާރާތުގައި އެ ގައުމުގެ އެންމެ ކާމިޔާބު ނަތީޖާ ހޯދައިދީފައެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ގެންގޮސްދީ ހަތަރުވަނަ ހޯދައިދިނެވެ. 38 މެޗަށްފަހު އޭނާ މަގާމުން ވަކިވިއިރު، 21 މެޗުން މޮޅުވެ، 10 މެޗު އެއްވަރުވެ، ބަލިވީ ހަތް މެޗުންނެވެ.

ޓީމުގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ބުނެ ކުރީގެ ކުޅުންތެރިޔާ މިޑޯ ވެސް ފިޔަވަޅު އަޅަން ގޮވާލާފައިވަނިކޮށް، އަލަށް ހަމަޖެއްސި ކޯޗު އަލީ މާހިރުގެ އިރުޝާދުގެ ދަށުން މިސްރު ދެން ނުކުންނާނީ އަންނަ ނޮވެމްބަރު 13 އަދި 17 ގައި މަލާވީއާ ދެކޮޅަށް ކުޅޭ ކޮލިފައިން މެޗުތަކަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450