ކުޅިވަރު
ރާއްޖޭގެ މައްޗަށް ކުރި ހޯދައި ޗައިނާއިން ޗެމްޕިއަންކަން ހޯދައިފި
ރާއްޖެ އާއި ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން---
ޗައިނާގައި ކުރިއަށްދިޔަ ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި، ޗައިނާއިން ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ޗައިނާއިން ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ޗައިނާއިން ވަނީ 3 ގޯލުގެ ލީޑެއް ނަގާފައެވެ. ނަމަވެސް، ފަހުން ރާއްޖޭގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ޗައިނާގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވެސް ރާއްޖެއިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މެޗުގައި ރާއްޖޭގެ ޓީމުން ޖެހި ތިން ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) އެވެ.
ޖުމްލަ ހަތަރު ޓީމު ވާދަކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. މުބާރާތުގެ ޗެމްޕިއަންކަން ޗައިނާއިން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކުގައެވެ. މި މުބާރާތުގެ ދެވަނަ 6 ޕޮއިންޓާއެކު ސައުތު ކޮރެއާއިން ހޯދިއިރު، މުބާރާތް ނިމުނުއިރު ރާއްޖެ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ރާއްޖެއިން ތިންވަނަ ކަށަވަރުކުރީ މުބާރާތުގެ ދެވަނަ މެޗުގައި ހޮންގް ކޮންގްގެ މައްޗަށް 7-0 ގެ ބޮޑު ތަފާތަކުން ކާމިޔާބު ހޯދައިގެންނެވެ.
މިއީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މި އަހަރުގެ ތެރޭގައި ވާދަކުރި ބައިނަލްއަޤުވާމީ ދެވަނަ މުބާރާތެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭއްވުނު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖެއިން ވަނީ އެ މުބާރާތް ކާމިޔާބުކޮށް ސަރަހައްދީ ފުޓްސަލްގެ ރަސްކަން ހޯދާފައެވެ.