ކުޅިވަރު
ސާފް ޗެމްޕިއަންޝިޕަށް ދިޔަ އިންޑިޔާގެ ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ގޮސްފި
ފާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކުޅުންތެރިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ކޭލްނައޮ
ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި ވާދަވެރި ޕާކިސްތާން 3-2 އިން ބަލިކޮށް އިންޑިއާއިން މުބާރާތް ކާމިޔާބުކަމާއެކު ފެށި ނަމަވެސް، ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ގެއްލި، ކޯޗު ނައުޝާދު މޫސާއަށް ޓީމު އެކުލަވައިލުމުގައި ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ކުޅުނު މެޗަށްފަހު، އިންޑިއާ ޓީމުން ވަނީ މުހިންމު ތިން ކުޅުންތެރިއަކު ސީނިއާ ގައުމީ ޓީމަށް ދޫކޮށްލަން ޖެހިފައެވެ. ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗަށް އެކުލަވައިލި 23 ކުޅުންތެރިންގެ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ބިޖޯއީ ވަރްގީސް އާއި ފޯވާޑް މުހައްމަދު ސުހައިލް އަދި ލިސްޓަން ކޮލާސޯ ހިމެނެއެވެ. މިއީ އެ ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދޭން ލިބުނު ރަނގަޅު ފުރުސަތެއް ނަމަވެސް، މީގެ ސަބަބުން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމުގެ އެޓޭކިން ލައިނަށް ވަނީ ވަރަށް ބޮޑަށް ހީނަރުކަން އައިސްފައެވެ. ސަބަބަކީ ސްކޮޑުގައި ތިބި ފަސް ފޯވާޑުންގެ ތެރެއިން ދެ ކުޅުންތެރިން އެއްފަހަރާ ގެއްލުމެވެ. އަދި ބިޖޯއީ ނެތުމަކީ ޕާކިސްތާން މެޗުގައި ދެ ލަނޑު ވަދެފައިވާ ޑިފެންސް ލައިނަށް ވެސް ލިބުނު އުނިކަމެކެވެ.
މީގެ އިތުރުން އަނިޔާގެ މައްސަލަތައް ވެސް ޓީމަށް ވަނީ ކުރިމަތިވެފައެވެ. އިންޑިއަން ސުޕަ ލީގުގައި އެފްސީ ގޯއާ އާއި ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މުހިންމު މިޑްފީލްޑަރު ސުރޭޝް ސިންގް ވަންގްޖަމް މުބާރާތުން ބާކީވެފައިވާއިރު، އަނިޔާގެ ސަބަބުން އެފްސީ ގޯއާގެ ރޮނީ ޚަރްބުދޯން އަށް ވެސް ޑާކާއަށް ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. ސުރޭޝް ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކު ނެތުމަކީ ޒުވާން ޓީމެއް ގޮވައިގެން ނުކުންނަ ކޯޗު މޫސާއަށް ފޫބައްދަން އުނދަގޫވާނެ ގެއްލުމެކެވެ.
ހަމައެއާއެކު، ޑިފެންޑަރު ހްމިންގްތަންމާވިއާ ރާލްޓޭ (ވަލްޕުއިއާ) އާއި ފާރޫކް ޗައުދަރީ އަދި ނައުފަލް ޕީއެން ވަނީ އަނބުރާ އެ ކުޅުންތެރިންގެ ކްލަބް، މުމްބާއީ ސިޓީ އެފްސީއަށް ދޫކޮށްލާފައެވެ. މިއާއެކު ޓީމުގެ ޑިފެންސް އަދި މިޑްފީލްޑަށް ކުޅެންތިބި ކުޅުންތެރިގެ އަދަދު ވަނީ އިތުރަށް މަދުވެގެން ގޮސްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، އެ ކުޅުންތެރިން ނިސްބަތްވާ މުމްބައި ސިޓީ އެފްސީއިން އެ ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ޙުއްދަ ދިނީ ފުރަތަމަ މެޗަށްފަހު އަނބުރާ އައުމަށް ޝަރުތުކޮށްފައެވެ.
މި ބަދަލުތަކާއެކު، ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް އޮތް މެޗުތަކަށް މިހާރު އޮތީ އެންމެ 20 ކުޅުންތެރިންގެ ސްކޮޑެކެވެ. އޭގެ ތެރޭގައި ތިން ގޯލްކީޕަރުން ހިމެނޭއިރު، އަސްލު ފޯވާޑުންގެ ގޮތުގައި ތިބީ އެންމެ ތިން ކުޅުންތެރިންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެންޖެހޭ މިފަދަ މުބާރާތެއްގައި، ބަދަލުކުރާނެ އައުޓްފީލްޑް ކުޅުންތެރިން މަދުވުމަކީ ކުރިއަށް އޮތް މެޗުތަކުގައި އިންޑިއާއަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.
އެހެންނަމަވެސް އިންޑިއާއިން ބޭނުންވީ ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމެއް ބައިވެރިކުރުވައި، އިންޓަނޭޝަނަލް ބްރޭކްގައި ސީނިއަރ ޓީމުގެ މެޗުތަކެއް ކުޅުމަށެވެ. މިކަމުން ދޭހަވަނީ، ސަރަހައްދީ ފުޓުބޯޅައަކީ މިހާރު އިންޑިއާގެ ފެންވަރު ނޫންކަމަށް އެ ޓީމުން ގަބޫލުކުރާކަމެވެ.