ކުޅިވަރު

އެއް މެޗެއްގައި 53 ރަތް ކާޑު ދައްކައި، ފުޓްބޯޅައިގެ ތާރީޚީ ރެކޯޑެއް މުގުރާލައިފި

އެއް މެޗެއްގައި 53 ރަތް ކާޑު ދައްކައި، ފުޓްބޯޅައިގެ ތާރީޚީ ރެކޯޑެއް މުގުރާލައިފި

ބްރެޒިލްގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ފުޓްބޯޅަ މެޗް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ނޮވެމްބަރު 2026، 10:39

06 ނޮވެމްބަރު 2026، 10:39

ބްރެޒިލްގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ފުޓްބޯޅަ މެޗެއްގައި ހިނގި ވަރުގަދަ ހަމަނުޖެހުމަކާ ގުޅިގެން، ރެފްރީ އެއް މެޗެއްގައި 53 ރަތް ކާޑު ދައްކައި ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބްރެޒިލްގެ މިނާސް ޖެރައިސް ސްޓޭޓް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި، އޫބަލަންޑިއާ އަދި މަމޯރޭ ބައްދަލުކުރި މެޗުގައެވެ.

މެޗުގެ ހާލަތު ގޯސްވާން ފެށީ ދެވަނަ ހާފުގެ ކުރީކޮޅު އޫބަލަންޑިއާގެ ކުޅުންތެރިއަކަށް ރެފްރީ ރަތް ކާޑު ދެއްކުމާ ގުޅިގެން، އެ ޓީމުގެ ބައެއް އޮފިޝަލުން ދަނޑުމައްޗަށް އަރައިގަތް ހިސާބުންނެވެ. މި ހަމަނުޖެހުމުގެ ސަބަބުން ގާތްގަނޑަކަށް 40 މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. މެޗު އަލުން ފަށައިގެން ކުރިއަށްދަނިކޮށް، އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި މަމޯރޭއިން ވަނީ ލަނޑެއް ޖަހައި 3-1 އިން ލީޑު ނަގާފައެވެ. ނަމަވެސް، ލަނޑަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި މަމޯރޭގެ ކުޅުންތެރިއެއް ކަމަށްވާ ޑާވީ، އިދިކޮޅު ޓީމަށް މަލާމާތްކުރުމުން މުޅި ދަނޑުގައި ބޮޑު މާރާމާރީއެއް ފެށުނެވެ.

މެޗުގެ ރެފްރީ ފެނާންޑޯ ޕެޓްރިކް ޑްރޮސްގިކް މޮޑެސްޓޯ އޭނާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި މުޅި ދަނޑުގައި މާރާމާރީ ފެށުމުން، ވަކިވަކިން ކާޑު ދައްކައި މެޗު ނިންމުމުގެ އުސޫލުތައް ފުރިހަމަކުރެވޭނެ އެއްވެސް މާހައުލެއް ނެތެވެ. އަދި ސަލާމަތީ ގޮތުން ރައްކާތެރިކަން ނެތުމުން، މެޗު ނިންމާލަން މަޖުބޫރުވީއެވެ.

މި މައްސަލައިގައި ރެފްރީ ވަނީ ޖުމްލަ 53 މީހަކަށް ރަތް ކާޑު ދައްކާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ދެ ޓީމުގެ 43 ކުޅުންތެރިން
ކޯޗިން ސްޓާފުންގެ 8 މެމްބަރުން
އޫބަލަންޑިއާގެ ބޯޑު މެމްބަރުންގެ 2 ބޭފުޅުން
މީގެއިތުރުން، މެޗަށްފަހު ރެފްރީއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، މަމޯރޭ ޓީމުން ޗޭންޖިން ރޫމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެކުރިން އެއް މެޗެއްގައި އެންމެ ގިނަ ރަތް ކާޑު ދެއްކި ކަމަށް ގިނީސް ވޯލްޑް ރެކޯޑް ފޮތުގައި ރެކޯޑު ކުރެވިފައިވަނީ 36 ރަތް ކާޑެވެ. އެއީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު އާޖެންޓީނާގެ ފަސްވަނަ ޑިވިޝަނުގައި އެތުލެޓިކޯ ކްލޭޕޯލް އަދި ވިކްޓޯރިއާނޯ އަރީނާސް ބައްދަލުކުރި މެޗުގައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސެމީ ފައިނަލުގެ ދެވަނަ ލެގުން ވަކިވާން ނިންމާފައިވާކަން އޫބަލަންޑިއާއިން ވަނީ އިއުލާނުކޮށްފައެވެ. އެ ކްލަބުން ބުނީ މި ނިންމުން ނިންމީ ކުޅިވަރުގެ ރޫޙާ އެއްގޮތަށް އިދިކޮޅު ޓީމަށް އިޙްތިރާމް ކުރުމުގެ ގޮތުންނާއި، ގަވާއިދާ އެއްގޮތަށް މެޗަށް ނެރޭނެ ޝަރުޠު ހަމަވާ އަދަދަކަށް ކުޅުންތެރިން ނެތުމުން ކަމަށެވެ. މި ނިންމުމާއެކު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މަމޯރޭ އެވެ.

އޫބަލަންޑިއާއިން އިތުރަށް ހާމަކުރި ގޮތުގައި، ކުޅިވަރުގެ ކުރިއެރުމަކީ އިންސާނިއްޔަތުކަމާއި އަހުލާގީ ސިފަތަކާ ގުޅިފައިވާ ކަމެއް ކަމަށްވާތީ، ހަމަނުޖެހުމުގައި ބައިވެރިވި އެ ކްލަބުގެ ފަރާތްތަކާމެދު އެތެރޭގެ ހަރުކަށި ފިޔަވަޅުތައް އަޅައި އަދަބު ދީފައިވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450